އަންހެނަކާއި ފިރިހެނަކާއި އެންމެ ގާތް ރަހުމަތްތެރންގެ ގޮތުގައި ތިބެވިދާނެތޯ މިއީ ވަރަށް ގިނައިން ކުރާ ސުވާލެކެވެ. ސަބަބަކަށް ވަނީ އެކުގައި ގިނަ ވަގުތުތަކެއް ހޭދަކޮށް އެކަކު އަނެކަކާއިމެދު ހުންނަ ޖަޒުބާތުތައް ބަދަލުވެ ލޯތްބަށް ބަދަލުވުމަކީ މާ ދުރުކަމެއް ނޫނެވެ. އެފަދަ ހާލަތެއް އައިސްފި ނަމަ ދެން ކަންތައް ކުރާނީ ކިހިނެތް ހެއްޔެވެ؟ އެ ވާހަކަ ބުނާނީ ކިހިނެތްހެއްޔެވެ؟ އަދި އޭގެ ސަބަބުން އެކުވެރިކަމަށް ކުރާނެ އަސަރަކާއި މެދުވެސް ވިސްނަން ޖެހެއެވެ.

ކުރެވޭ އިހުސާސްތައް ޔަޤީންކުރާށެވެ. ދެ މީހުން އެކަކު އަނެކަކާއި މެދު ކުރާ އިހުސާސްތަކަކީ އެއީ އެއްގޮތް އިހުސާސްތަކެއްކަން ދެނެގަންނާށެވެ. އަދި އެ ވެވެނީ ލީބިކަން ދެނެގަންނަން ދުވަސްކޮޅަކު މަޑުކޮށްލާށެވެ. އާއްމުކޮށް ދައްކާވަރަށް ވުރެ ގިނައިން ވާހަކަ ދައްކާށެވެ. އަދި އެކަކު އަނެކަކާއި ކަންކަން ހިއްސާ ކުރާ މިންވަރު އިތުރުކުރާށެވެ. މީގެ ބޭނުމަކީ ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

އެކުގައި ދެ މީހުންވެސް ވަގުތު ހޭދަކުރަން ބޭނުންވާކަން ޔަޤީންވުމުން އަނެކާ ތިމާ އާއި މެދު ދެކޭ ގޮތް ސާފު ކުރާށެވެ.

ދެން އޮތް ގޮތަކީ ސީދާ ސީދާކޮށް ވާހަކަދެއްކުމެވެ. ދުރުން ދުރުން ވާހަކަދައްކާ މާބޮޑަށް ނޫން ވާން އުޅެފި ނަމަ ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބި ވި ނަމަވެސް އެކަކު އަނެކަކަށް ގެއްލުމަކީ މާ ދުރު ކަމެއް ނޫނެވެ.

އަނެއްކަމަކީ ނޫނެކޭ ބުނެފާނެކަން ޤަބޫލުކުރުމެވެ. ކިތަންމެ ގާތްކޮށް ދެކުނު ނަމަވެސް ލޯބީގެ ގޮތުން ގުޅެން ބޭނުން ނުވެދާނެއެވެ. ސަބަބަކީ ބައެއް މީހުންނަކީ އެކުވެރިންނާއި ލޯބީގެ ގޮތުން ގުޅެން ބޭނުން ނުވާ މީހުންނެވެ. އެ ހާލަތުގައި އޭނާގެ ނިންމުމަށް އިޚުތިރާމްކުރާށެވެ.