އިންސާނެއްގެ ހަޔާތުގައި އެންމެ އުފާވެރިކަން އިހުސާސު ވާނެ އެއް ދުވަހަކީ ޒަވާޖީ ހަޔާތައް ދަރިއަކު ލިބޭ ދުވަހެވެ. ނުވަ މަސްދުވަހު ދަރިފުޅު ބަނޑުގައި އަޅައިގެން އުޅެ، ލޯތްބާއި އަޅާލުންދީ، އެންމެ ފަހުން ދަރިފުޅުގެ މޫނު ފެންނަ ހިނދުކޮޅަކީ ކޮންމެ މަންމައަކަށް ވެސް އަދި ބައްޕައަކަށް ވެސް ބުނެދޭން ދަތިވާ ކަހަލަ އިހުސާސްތަކެއް ކުރިމަތިވާނެ ހިނދުކޮޅެކެވެ. ނަމަވެސް އެ އުފާވެރިކަން މަދު ފަހަރެއްގައި ހިތާމައާއި މޮޅިވެރިކަމަށް ބަދަލުވެގެން ދެއެވެ.

ހއ.ކެލާ ހަސަން ޒިޔާދު އާއި ކ.މާލޭ މަރިޔަމް ރިޒްމީންގެ ކައިވެންޏަށް ދަރިއަކު ލިބޭކަން އެނގުމުން އެ ދެމަފިރިން ތިބީ ދަރިފުޅުގެ މޫނު ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި ދުވަސްތައް ގުނަ ގުނައެވެ. ހަސަން އާއި ރިޒްމީންގެ އަލަތު ދަރިފުޅު އުފަންވީ ފާއިތުވި ހުކުރު ދުވަހުއެވެ. އަންހެން ކުއްޖެކެވެ. ކޮންމެ މީހެއްގެ ހިތައް ވެސް އުފާވެރިކަން ގެނުވާނެ ފަދަ ލޯބި ކުއްޖެކެވެ. ނަމަވެސް ލިބުނު ޚަބަރަކުން ހުރިހާ އެންމެންގެ ހިތްތައް ކުދި ކުދިވެގެން ދިޔަ ކަހަލައެވެ. އެ ތުއްތު މައުސޫމު ކުއްޖާ ދުނިޔެއަށް އުފަންވީ ފުރާނައަށް ނުރައްކާ ކުރުވާނެ ފަދަ އުނިކަމަކާއެކުއެވެ.

ހަސަން އާއި ރިޒްމީންގެ ތުއްތު ދަރިފުޅު އުފަންވެފައި ވަނީ ބޮޑު ކަމުދާ ތަކެތި ބޭރު ކުރާނެ ގޮތެއް ނެތި އެވެ. އެ ކުއްޖާގެ ފުރަގަސްފަރާތް އެއްވެސް ވަރަކަށް އުފެދިފައި ނުވުމުގެ އިތުރުން ފުރަގަސް ފަރާތް ހުންނަން ޖެހޭ ސަރަހައްދާއި ކައިރީގައި ގޮތް ނޭނގޭ ލޯވަޅެއް އުފެދިފައި ހުރެއެވެ.

އަދި ނަމެއް ވެސް ކިޔާފައި ނުވާ އެ ކުއްޖާ މިހާރު ބާއްވާފައި އޮތީ އައިޖީއެމްއެޗް ނާސަރީގައި އައިވީ އާއި އޮކްސިޖަން ގުޅާފައެވެ. އެ ކުއްޖާ އުފަންވި އިރު ބޮޑުކަމުދާ ތަކެތި ބޭރު ކުރެވޭނެ ދޮރެއް ނެތުމުން މިހާރު ބާއްވަން ޖެހިފައި ވަނީ އެއްވެސް ކާއެއްޗެއް ނުދީ އެވެ. ގާތުން ކިރެއްވެސް ނުދެވެއެވެ. އެ ތުއްތު ފުރާނަ ދުނިޔޭގައި ސަލާމަތުން ހުރީ ހަމައެކަނި ގުޅާފައި ހުރި އައިވީ ފުޅިން ލިބޭ ބާރުންނެވެ.

އެ ކުއްޖާގެ ހަށިގަނޑުގައި ހުރި މައްސަލަތަކަށް ފަރުވާ ދެވޭނެ އިންތިޒާމެއް ރާއްޖޭގައި ނެތެވެ. އެކަމާއި ބެހޭގޮތުން ތަޖުރިބާ ލިބިފައި ހުރި ޑޮކްޓަރުންތަކެއް ވެސް ނެތެވެ. އެހެން ކަމުން ހޮސްޕިޓަލުން ލަފާދީފައި ވަނީ ވީހާވެެސް އަވަހަށް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށެވެ. އަދި އެ އުނިކަން ރަނގަޅު ކުރެވޭނީ ބޮޑު އޮޕަރޭޝަންތަކެއް ކޮށްގެން ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ހަސަން އާއި ރިޒްމީންގެ ދަރިފުޅު އިންޑިއާއަށް ގެންދިއުމަށް ދެކޮޅު ޓިކެޓު ހަމަޖައްސައިދޭނެ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ. އަދި ފަރުވާގެ ހަރަދުތައް ވެސް އާސަންދަ އިން ހަމަޖައްސައި ދިނުމަށް ވަނީ ނިމްމާފައެވެ. އަދި ފަރުވާއަށް އިންޑިއާގައި މަޑު ކުރާނީ ކިތައް ދުވަހަށް ކަމެއް އެނގިފައި ނުވާއިރު ދަތުރުގައި ދިރިއުޅުމުގެ ހަރަދުތައް ބެލެހެއްޓުމަށްވެސް ގިނަ އަދަދަކަށް ފައިސާ ބޭނުންވެއެވެ.

ހަސަން އާއި ރިޒްމީޏްގެ މާލީ ހާލަތު ހުރި ގޮތުން އިންޑިއާއަށް ފުރައިގެން ވެސް ކުރެވޭނެ ކަމެއް ނެތެވެ. ހަރަދު ކުރަން އަތުގައި ފައިސާ ނެތުމާއެކު އެ ދެމީހުންނަށް މިއަދު ވަނީ އެހީއަކަށް އެދެން ޖެހިފައެވެ.

ހަސަން އާއި ރިޒްމީން މާލެއަށް ދިރިއުޅުން ބަދަލު ކުރީ މީގެ ހަތަރު ވަރަކަށް މަސް ކުރިންނެވެ. މާލެ އަށް ބަދަލުވުމަށް ފަހު ހަސަން ކޮށް އުޅުނު މަސައްކަތަކީ ކައްނެލި މަސްވެރިކަމެވެ. ނަމަވެސް ރިޒްމީން އެކަނި ގޭގައި ހުންނަން ޖެހުމާއެކު އޭނާ އެ މަސައްކަތް މެދުކަނޑާލައި ރިޒްމީން ގާތުގައި ގޭގައި މަޑު ކުރިއެވެ.

"މިކޮޅަށް އައިސް ކަންނެއްޔަށް ދާން ފެށީ. ދެން ގޭގަ އަނބިމީހާ [ރިޒްމީން] ބަލާނެ އިތުރު މީހަކު ނެތުމާއި އެއްކޮށް މަޑު ކުރީ ކަންނެއްޔަށް ދިޔުން ހުއްޓާލާފަ. ދެން ލިބިފައި ހުރި ހުރިހާ ރުފިޔާއެއް އަތުން ފައިން ކަމެއް ނުކޮށް ގޭގައި ހުންނަންޏާ ހުސް ދޯ ވާނީ." ހަސަން "ވަގުތު އެހީ" އަށް ކިޔައިދިނެވެ.

އެހީގެ އަތެއް ލިބޭހާ އަވަހަށް ދަރިފުޅު ގޮވައިގެން ފުރުމަށް ހަސަން އާއި ރިޒްމީން ތިބީ ތައްޔާރަށެވެ. ނުފުރި ތިބޭ ކޮންމެ ދުވަހަކީ އެ ދެމަފިރިންގެ ހާސްކަން އިތުރުވެގެންދާ ދުވަހެކެވެ. ދަރިފުޅުގު ފުރާނަ ނުރައްކަލަށް ހުޅުވިފައި އޮންނަ އިތުރު ދުވަހެކެވެ.

"އުންމީދު ކުރަނީ އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ ކަމަށް. އަޅުގަނޑުގެ ވެސް ފުރަތަމަ ކުއްޖާ. ބޭނުމެއް ނުވޭ ދެރަގޮތެއް ވާކަށް." ހަސަން އަސަރާއެކު ބުންޏެވެ.

ހަސަން އާއި ރިޒްމީންގެ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް އެދެމަފިރިންނަށް ބޭނުން ވަނީ ފަރުވާއަށް އިންޑިއާގައި ދިރިއުޅުމުގެ ހަރަދުތައް ބަލަހައްޓަން މާލީ އެހީތެރިކަމެވެ. ކޮންމެ ރައްޔިތަކުވެސް އެދެމަފިރިންނަށް، ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ.

ހަސަން އާއި ރިޒްމީން އަށް ދިމާވެފައިވާ ހާލަތާއި ގުޅޭ ގޮތުން މައުލޫމާތު އޮޅުން ވިލުވައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ހަސަންގެ ފޯން ނަމްބަރު 7441538 އަށް ނުވަތަ 7236424 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ. މާލީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން މަރިޔަމް ރިޒްމީންގެ ބީއެމްއެލް އެކައުުންޓް ނަމްބަރު 7704282204101 އަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ.

މާތް ﷲ ހަސަން އާއި ރިޒްމީންގެ ދަރިފުޅުގެ މައްސަލަތަކައް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ ދެމަފިރިންނަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައި ލައްވައި މުޅި އިސްލާމީ އުންމަތް ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން މިންޖުކުރައްވާށިއެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މަ

    އާމީން.

  2. ޝިޔާމް

    އާމީން

  3. ާަަައެކުވެރިޔާ

    ތިލޯބި ލޯބި ތުއްތު ދަރިފުޅަށް އެކަށީގެންވާ ފަރުވާ ހޯދަން ބޭނުން ނަމަ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ނުދިއުމަށް ދަންނަވަން.

  4. ފާތުން

    މާތް ﷲ އެދަމަފިރިންގެ ދަރިފުޅަށް ފުރިހަމަ ސިއްހަތެެއް މިންވަރު ކުރެއްވުމަށަް އެދި ދުއާ ކުރަން. އާމީން. ސްރީ ލަންކާ އަށް އަންނަ ނަމަ އަޅުގަނޑަށް ހިލޭ ހުރުމުގެ ކަންތައް ހަމަޖައްސާލަ ދެވުނީސް

  5. ހެޔޮއެދޭ މީހެއް

    ޢަމްރިތާ ހޮސްޕިޓަލް ވަރަށް ރަގަޅު. ޢާސަންދަ ވެސް ލިބޭނެ އެ ހޮސްޕިޓަލް އައް.

  6. ާއައި.ޝާ

    އާމީން

  7. ރިޝް

    އާމީން

  8. މީ

    އާމީން ޔާﷲ

  9. އަވަސް ޝިފާ

    ޙަސަން އާއި ރިޒްމީން އަށް ކެތްތެރިކަން ދެއްވާ އެދެމީހުންގެ ލޯބި ދަރުފުޅައް އަވަސް ޝިފާއެއް ދެއްވާ އެ ދެމަފިރިންނައް ވީހާވެސް އަވަހަކަށް މާލި އެހީތެރިކަން ދެއްވާ ފަރުވާ ކުރުމުގެ މަގު މާތްﷲ އިރާދަފުޅާެެއި މިންވަރު ފުޅުން ދެއްވާދޭވެ. ޢާމީމް

  10. އައިން

    އާމީން

  11. އަލީ

    ދަރިފުޅަށް އަވަސް ޝިފާއަކަށް އެދެމެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ސަރޖަރީ ނުހެދޭތޯ؟ އިންޑިޔާ ހޮސްޕިޓަލްތަކުގެ ގޮތެއް ނޭގޭ. ލަންކާ ވ ރަގަޅު ޑަރޑަންސް. ދަރިފުޅު އުމުރުން 3 އަހަރު ވުމުން ޙިޖާމާ ޖެއްސެވުން މުހިންމު.

  12. ޟކރ

    އާމީން

  13. Abdulla Shareef

    ޙަސަން އާއި ރިޒްމީން އަށް ކެތްތެރިކަން ދެއްވާ އެދެމީހުންގެ ލޯބި ދަރުފުޅައް އަވަސް ޝިފާއެއް ދެއްވާ އެ ދެމަފިރިންނައް ވީހާވެސް އަވަހަކަށް މާލި އެހީތެރިކަން ދެއްވާ ފަރުވާ ކުރުމުގެ މަގު މާތްﷲ އިރާދަފުޅާެެއި މިންވަރު ފުޅުން ދެއްވާދޭވެ. ޢާމީމް

  14. Anonymous

    އާމީން! ހައްދަވާ ބޮޑުކުރައްވާ އަޅަމެންނަށް ހުރިހާ ނިޢުމަތެއް ދެއްވާ އޯގާ ވަންތަ ރަޙުމާން ވަންތަ ޙަކީމް ވަންތަ ޔާ ﷲ އެ މަޢުސޫމް ކުއްޖާ ފުޅަށް ﷲ ގެ ހެޔޮ ރަޙްމަތް ފުޅުން އަވަސް ސިފާ އެއް ދެއްވާ ފާންދޭވެ! އަދި ޢާއިލާ އަށް ކެއްތެރިކަން ދެއްވާ ރަޙްމަތް ލައްވާންދޭވެ! އިސްލާމީ ޢުންމަތް އަދި އަޅުގަނޑުމެންގެ މި ލޮބުވެތި ވަތަން ނުރައްކާތެރި ބަލިމަޑު ކަމުންނާއި އެންމެހާ ރޯގާ ތަކުން ސަލާމަތް ކުރައްވާންދޭވެ! އާމީން