އިންޑިއާގެ މަޝްހޫރު ހިސާބު އިލްމުވެރިޔާ ޝަކުންތަލާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ލީޑު ރޯލުން ހުނަރުވެރި ބަތަލާ ވިދްޔާ ބާލަން ފެނިގެންދާ އިރު، މީގެ އިތުރުން ފިލްމުގައި ވިދްޔާގެ ދަރިފުޅުގެ ރޯލުން ފެނިގެން ދާނީ ސާންޔާ މަލޯތުރާއެވެ.

ސާންޔާ ވަނީ 2016 ވަނަ އަހަރުގެ ކާމިޔާބު ފިލްމު 'ދަންގަލް' އަދި މިދިޔަ އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު އެއް ފިލްމު ކަމުގައިވާ 'ބަދާއީ ހޯ' އިން ވެސް ފެނިގެން ގޮސްފަ އެވެ.

ޝަކުންތަލާގެ ބަޔޮޕިކްގައި ވިދްޔާ އަދާކުރާނީ ޝަކުންތަލާގެ ރޯލެވެ. އިންޑިޔާގެ ޚަބަރުތައް ބުނާ ގޮތުން މި ފިލްމުގައި ސާންޔާ އަދާކުރާނީ ޝަކުންތަލާގެ ދަރިފުޅު އަނުޕަމާ ބެނަރްޖީގެ ރޯލުކަމަށެވެ.

ސާންޔާއަށް އޭނާގެ ސްކްރިޕްޓު ވަނީ ވަރަށް ކަމުގޮސްފައިވާ ކަމަށާއި އަދި ފިލްމަށް އެއްބަސްވެފައިވާ ކަމަށް ވެސް ޚަބަރުތަކުން ބުނެ އެވެ. ނަމަވެސް އަދި ރަސްމީކޮށް ސާންޔާ މި ފިލްމަށް ސޮއިކޮށްފައެއް ނުވެ އެވެ.

އަނޫ މެނަން ޑައިރެކްޓުކޮށް ރޯނީ ސްކްރޫވާލާ ޕްރޮޑިއުސް ކުރާ މި ފިލްމުގެ މަސައްކަތް މި އަހަރުތެރޭގައި ފަށާނެ އެވެ.

ޝަކުންތަލާ އެންމެންގެ ތެރެއަށް މަޝްހޫރުވެފައި ވަނީ "ހިއުމަން ކޮމްޕިއުޓަރު"ގެ ނަމުންނެވެ. 1982 ވަނަ އަހަރު އޭނާއަށް ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ވެސް ޖާގަ ހޯދާފަ އެވެ.

މިއީ ބަޔޮޕިކް އަކުން ވިދްޔާ ފެނިގެންދާނެ ދެވަނަ ފަހަރެވެ. ވިދްޔާ ވަނީ މީގެ ކުރިން ސައުތު އިންޑިއަން އެކްޓަރު ސިލްކް ސްމިތާގެ ބަޔޮޕިކް 'ދަ ޑާޓީ ޕިކްޗާ'ގެ ލީޑު ރޯލުން ވެސް ފެނިގެން ގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު