އިންޑިއާގެ އަޅުވެތިކަމުން ކަޝްމީރު މިނިވަން ކުރަން އުޅޭ ޖަމާއަތް ހުއްޓުވައިފިއެވެ.

އިންޑިއާގެ ދާހިލީ ވުޒާރާއިން ކަޝްމީރުގެ މިނިވަންކަމަށް ގޮވާލާ ޖަމުއު އެންޑް ކަޝްމީރު ލިބަރޭޝަން ފްރޮންޓް، ޖޭކޭއެލްއެފް ގެ ހަރަކާތްތައް ހުއްޓުމަށް އަންގާފައިވަނީ ފަސް އަހަރަށެވެ.

އެންޓިޓެރަރިސްޓު ގާނޫނޫނުގެ ދަށުން މި ޖަމާައަތުގެ ހަރަކާތްތައް އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރު ސަރަހައްދުގައި ހުއްޓައިލުމަށް އަންގާފައިވަނީ ހައްދުފަހަނަ އަޅައިދުއުމާއި ހަތިޔާރުވެރިވުމަށް އެ ޖަމާއަތުން ތާއީދުކުރާތީ ކަމަށެވެ.

މި ޖަމާއަތުގެ ހަރަކާތްތަށް އިންޑިއާއިން ހުއްޓުވި އިރު ދާދިފަހުން ޓެރަރިސްޓު ހަމަލާއެއްގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަނީ ގޯސްވެފައެވެ. މިދިޔަ މަހު 14 ވަނަ ދުވަހު އިންޑިއާ ސިފައިންނަށް އަމާޒުކޮށް ކަޝްމީރުގައި ދިން ހަމަލާއަށް ފަހު ކަޝްމީރުގައި ވަނީ ހަމަނުޖެހުން ބޮޑުވެފައެވެ.

ކަޝްމީރުގެ މިލްކުވެރިކަމާއި މެދު އިންޑިއާ އާއި ޕާކިސްތާނުން އަބަދުވެސް ދައުވާ ކުރެއެވެ. މިހާރު އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރަކީ ޕާކިސްތާނުގެ ބައެއް ކަމަށް ޕާކިސްތާނުން ބުނެއެވެ. 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަވެރިން ދޭތެރެ ދޭތެރެއިން އިންޑިއާ ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ދެއެވެ. ކަޝްމީރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން ވަކާލާތު ކުރަނީ ކަޝްމީރަކީ ވަކި ގައުމަކަށް ހަދާށެވެ.

1989 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކަޝްމީރުގައި ވަނީ 70000 އަށް ވުރެ ގިނަ މީހުން މަރާލާފައެވެ.