ހޮންކޮންގައި މީގެ ދެމަހެއްހާ ދުވަސް ކުރިން ފެށުނު މުޒާހަރާތަކަށް ހުއްޓުމެއް ނައިސް އަދިވެސް ކުރިއަށް އެބަދެއެވެ. އިއްޔެ މުޒާހަރާގެ ބައިވެރިން ވަނީ އޮއްގަލާއި، ފުޅިއާއި، އޮނުބުރިތައް ފަދަ އެއްޗެހި ހިފައިގެން ފުލުހުންނާއި ކުރިމަތިލާފައެވެ. މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރަން އިއްޔެ ވެސް ފުލުހުން ވަނީ ގިނަ އަދަދެއްގެ ކަރުނަގޭސް ބޭނުން ކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން އިއްޔެ ފުލުހުންނާއި ކުރިމަތިލާފައި ވަނީ ބޮލަށް ގެއްލުމެއް ލިބުނަ ނުދިނުމަށް ހެލްމެޓް އަޅައިގެން، ކަރުނަގޭހުން ސަލާމަތްވުމަށް މާސްކް ވެސް އަޅައިގެން ތިބެއެވެ. އިއްޔެ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ކުރިމަތިލުންތައް ހިނގީ ހޮންކޮންގްގެ ވުން ޓޮންގް ސަރަހައްދުގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށް ވަންނަން މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރުމުންނެވެ. ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާއި ކުރިމަތިލާ، އެމީހުން ފަހަތައް ޖައްސުވާފައެވެ.

އިއްޔެ މުޒާހަރާތަކާއި ގުޅިގެން ވެސް ވުން ޓޮންގް ސަރަހައްދުގެ ހަތަރު މެޓްރޯ ސްޓޭޝަނެއް ބަންދު ކުރަން ޖެހުނެވެ.

ބައެއް ސަރަހައްދުތަކުގައި ސުލްހަވެރި ކަމާއި އެކު މުޒާހަރާ ކުރުމުގެ ފުރުސަތު މިހާރު ވެސް ހޮންކޮންގް ފުލުހުން ދަނީ ދެމުންނެވެ. މުޒާހަރާ ކުރުން ހުއްދަ ކޮށްފައި ވަނީ މެންދުރުފަހު 13:00 އިން ފެށިގެން 16:00 އާއި ހަމައަށެވެ. ގަޑި ޖެހުމަށް ފަހު މުޒާހަރާ ކުރާނަމަ ފުލުހުން ގެންދަނީ މުޒާހަރާ ރޫޅަލަން މަސައްކަތް ކުރަމުން ކަމަށް ބައިނަލްްއަޤުވާމީ މީޑިއާތަކުން ބުނެއެވެ.

ހޮންކޮންގްގައި މިމުޒާހަރާ ފުރަތަމަ ފެށީ ކުއްވެރިން ޗައިނާ އާއި ހަވާލު ކުރެވޭ ގޮތައް ޤާނޫނެއް ފާސްކުރަން އުޅުމުންނެވެ. މިހާރު އެޤާނޫނުގެ މަސައްކަތް ހުއްޓާލާފައި ވީނަމަވެސް މުޒާހަރާތަކަމަށް ނިމެއް ނާދެއެވެ. މުޒާހަރާ ކުރާ ފަރާތްތަކުން މިހާރު ގެންދަނީ އެކި ކަންކަމަށް ޑިމާންޑް ކުރަމުންނެވެ.

އޭގެ ތެރޭގައި ހޮންކޮންގްގެ ޗީފް މަގާމުން އިސްތިއުފާ ދިނުމާއި، މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ކުރި މައްސަލަތައް ބެލުން ހިމެނެއެވެ. އަދި ސީސީޓީވީ ކެމެރާތަކުން ލިބޭ މައުލޫމާތު ޗައިނާ އާއި ހިއްސާ ކުރުން ހުއްޓާލުމަށް ވެސް ދަނީ ގޮވާލަމުންނެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި އެމައުލޫމާތު ބޭނުންކޮށްގެން ޗައިނާ ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީގެ އެހީގައި ބައެއް މީހުންނަށް ދަނީ ފާރަލަމުންނެވެ.