ޒުވާނުންނަށް ހާއްސަކޮށްގެން ''ކިންގް އޮފްދަ ގޭމް'' ގެ ނަމުގައ ބިގަލޯސް ސްޕޯޓްސް ކްލަބް އިން 128 ބައިވެރިންނާއެކު މި މަހުގެ 20 އިން 25 އަށް ބޭއްވި ފީފާ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސް އެރީނާގައި ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ސަރާންޝް ރާޖޭޝް އެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ރާއްޖޭގެ އަބްދުﷲ ނާސިފްގެ މައްޗަށް ދެ ލެގުންވެސް ކުރިހޯދައިގެންނެވެ. ފުރަތަމަ ލެގުގައި 2-0 އިން ސަރާންޝް މޮޅުވިއިރު ދެވަނަ ލެގު އޭނާ ކާމިޔާބުކުރީ 3-0 އިންނެވެ.

އިންޑިއާގެ ސަރާންޝް އަށް މި މުބާރާތުން ފުރުސަތު ލިބުނީ އެގައުމުގައި ކުރިއަށްދިޔަ ނެޝަނަލް ކޮލިފަޔާސް އެއްގެ އެއްވަނަ ހޯދައިގެންނެވެ. ސަރާންޝް ބިގަލޯސް މުބާރާތުން އެއްވަނަ ހޯދުމުން އޭނާ އަށް ޗެމްޕިއަން ތައްޓާއެކު 5000 ރުފިޔާގެ ފައިސާގެ އިނާމަކާއި ފީފާ 20ގެ ޗެމްޕިއަންސް އެޑިޝަންގެ ސީޑީއެއް ދިންއިރު ރަނަރ-އަޕް ނާސިފް އަށް ތައްޓާއެކު 2500 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ.

ބުދަ ދުވަހުގެ ރޭ ކުރިއަށްދިޔަ ގްރޭންޑް ފިނާލޭގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ. އިމްރާންގެ އިތުރުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި ޔޫތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް އީސްޕޯޓްސް އެސޯސިއޭޝަން (އެމްއީއެސްއޭ) ގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްއެޗް ފައުންޑޭޝަން އެވެ. ޓެލެކޮމް ޕާޓްނަރަކީ އުރީދޫ އެވެ. ބެވެރޭޖް ޕާޓްނަރަކީ ކޮކާކޯލާ އެވެ. އިވެންޓު ޕާޓްނަރަކަށް އޮފިޝިއަލް އިވެންޓްސް ހަމަޖެހިފައިވާއިރު އީސްޕޯޓްސް ޕާޓްނަރަކަށް ހަމަޖެހިފައިވަނީ އީ2އެސް ގޭމްސް އެވެ.

ބިގަލޯސްގެ އޮފިޝަލަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނީ މި މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި ޒުވާނުން އެއްތަންވެ އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތުލިބި ކާމިޔާބުކަމާއެކު މުބާރާތް ނިންމާލެވުމުން ބިގަލޯސް އިން ކުރިއަށްއޮތްތާގައި ވެސް މިފަދަ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދެން އޮންނަ މުބާރާތް މިއަށްވުރެ ވެސް ތަފާތުވެފައި ހައިބަތު ބޮޑުވާނެ ކަމަށާއި އީސްޕޯޓްސްއިން ރަނގަޅު ނަތީޖާ ހޯދޭނެ ފެންވަރު ހުރި ކުޅުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލެވޭނެ ފަދަ ގޮތަކަށް މުބާރާތްތައް ބާއްވައި ރާއްޖެ އިން ބޭރުގެ މުބާރާތްތަކަށް ދިވެހި ކުޅުންތެރިން ދިއުމުގެ މަހުފަހިކޮށްދިނުމަކީ ބިގަލޯސްގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

އަދި ރަސްމިއްޔާތަށް ވަޑައިގެންދެއްނެވީތީ އިމްރާން މުހައްމަދު އަށް ބިގަލޯސް އިން ޝުކުރު އަދާކުރެެއްވި އެވެ. އަދި މުބާރާތް ކުރިއަށްގެންދިއުމަށްޓަކައި ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސް އެރީނާ ދޫކޮށްދެއްވީތީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަށްވެސް ބިގަލޯސް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.