އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ވޮލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ތަށި ދިފާއު ކުރުމަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ކުރަމުން އަންނަ މަސަތްކަތަށް އަނެއްކާވެސް ހުރަސްތަކެއް އެޅިއްޖެ އެވެ.

ވޮލްވްސްގެ ދަނޑުގައި ރޭ ކުޅުނު މެޗުން 3-2 އިން ސިޓީ ބަލިވުމުން އެޓީމާއި ތާވަލު ލީޑު ކުރަމުން އަންނަ ލިވަޕޫލާއި ދެމެދުގައިވާ ފަރަގު ވަނީ 14 ޕޮއިންޓަށް ބޮޑުވެފަ އެވެ. މި ސީޒަނުގެ ލީގުގައި އަދި މިހާތަނަށް މެޗަކުން ބަލިވެފައިނުވާ ލިވަޕޫލް އެއް ވަނައިގައި އޮތީ 18 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ. 38 ޕޮއިންޓް ލިބިގެން ސިޓީ އަށް ލިބެނީ މިވަގުތު ތާވަލުގެ ތިން ވަނަ މަގާމެވެ. ދެވަނައިގައި އޮތީ 39 ޕޮއިންޓާއެކު ލެސްޓާ ސިޓީ އެވެ.

ވޮލްވްސް އާއި ސިޓީ ބައްދަލުކުރި މެޗުގައި ސިޓީން ފުރަތަމަ ލީޑު ނެގި ނަމަވެސް މެޗުގެ ބޮޑު ބައެއްގައި އެޓީމު ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 12 ވަނަ މިނެޓުގައި ވޮލްވްސްގެ ޑިއޭގޯ ޖޯޓާ އަށް ގޯލްކީޕަރު އެޑަސަން ކުރި ފައުލަކަށް ރެފްރީ އޭނާ އަށް ރަތް ކާޑު ދެއްކި އިރު ބަދަލުގައި ސިޓީގެ ގޯލު ބަލަހައްޓަން އެރީ ކްލައުޑިއޯ ބްރާވޯ އެވެ.

ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ސިޓީން ފުރަތަމަ ލަނޑު ޖެހީ 25 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ފޮނުވާލި ޕެނަލްޓީ އަކުންނެވެ. މިއީ ވޮލްވްސްގެ އޭރިއާ ތެރެއިން ރިޔާދް މަހްރޭޒަށް ޑެންޑޮންކާ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ސްޓާލިންގެ ފުރަތަމަ ޕެނަލްޓީ ކީޕަރު ޕެޓްރީޝިއޯ މަތަކުރި އިރު ރެފްރީގެ ނިންމުމާއެކު ސްޓާލިން އަށް އަލުން ޕެނަލްޓީ ޖަހަން ފުރުސަތު ލިބިގެންދިޔަ އެވެ. ދެވަނަ ފަހަރު ވެސް ޕެޓްރީޝިއޯ ޕެނަލްޓީ މަތަކުރި ނަމަވެސް ސްޓާލިން ވަނީ ރީބައުންޑުގައި ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފަ އެވެ.

ފުރަތަމަ ހާފު ސިޓީ ކުރީގައި އޮވެ ނިމުނު އިރު ކެވިން ޑެބްރައިނާގެ އެހީތެރިކަމާއެކު ސްޓާލިން 50 ވަނަ މިނެޓުގައި ސިޓީގެ ލީޑު ދެ ލަނޑަށް ފުޅާކޮށްދިނެވެ. ނަމަވެސް ވޮލްވްސް އިން ވަނީ އޭގެ ފަސް މިނެޓް ފަހުން ރުބެން ނެވެސް ދިން ބޯޅައެއްގައި އެޑަމާ ޓްރައޯރޭ ކާމިޔާބުކުރި ލަނޑަކުން ފަރަގު ކުޑަކޮށް އުއްމީދު އާކޮށްފަ އެވެ.

މެޗު ނިމެން ދިހަ ވަރަކަށް މިނެޓު ވެފައި ވަނިކޮށް ވޮލްވްސް އަށް ނަތީޖާ ހަމަހަމަވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޓްރައޯރޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރައުލް ހިމެނޭޒް ސިޓީގެ ގޯލު ފޫއަޅުވާލުމުންނެވެ. އޭގެ ފަހުން 89 ވަނަ މިނެޓުގައި ހިމެނޭޒްގެ އެހީތެރިކަމާއެކު މެޓް ޑޮހާޓީ ވަނީ ލަނޑެއް ޖަހައި ވޮލްވްސް އަށް މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ. މި މެޗުން ލިބުނު 3 ޕޮއިންޓާއެކު ވޮލްވްސް ވަނީ 19 މެޗުން 30 ޕޮއިންޓް ހަމަކޮށް ތާވަލުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ.