ފުލުހުންގެ ބޯ ބޭލި މައްސަލަ އެޗްއާރްސީއެމް އިން ބަަލަނީ

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފުލުހުންގެ ބޯ ބޭލި މައްސަލަ ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވިދާޅުވެއްޖެއެވެ.

އެޗްއާރުސީއެމްގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެއީ ބަލަމުންގެންދާ މައްސަލަ އަކަށްވާތީ އެކަމާއި ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށެވެ.

ހައްޔަރުކޮށްފައިވާ ފުލުހުންގެ ބަންދުގެ މުއްދަތު ދާދިފަހުން އަނެއްކާވެސް އިތުރު ކޮށްފައިވާއިރު ބޯ ބޭލި މައްސަލައިގައި އެމީހުންގެ ގާނޫނީ ވަކީލުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުން އެ މީހުންގެ ނުރުހުމުގައި ބޯ ބޭލުމަކީ އެންޓި ޓޯޗާ ގާނޫނުގެ 14 ވަނަ މާއްދާގެ ށ ގެ 12 ވަނަ ނަންބަރާއި ހިލާފު ކަމެއް ކަމަށެވެ. އަަދި މީހެއްގެ ނުރުހުމުގައި އޭނާގެ ގަޔަށް އަތްލުމަކީ ގާނޫނުލް އުގޫބާތުގެ 20 ވަނަ މާއްދާގެ ދަށުން ކުށަކަށް ވާއިރު މިކަމުގައި ބައިވެރިވި ހުރިހާ އެންމެން ވެސް ކުށްވެރިވާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ފުލުހުންގެ މައްޗަށް ކުރަނީ ގާނޫނީ ސަރުކާރު ވައްޓާލުމަށް އިތުރު ބަޔަކާއި ގުޅިގެން މަސައްކަތް ކުރުމާއި، ސަލާމަތީ ބާރުތަކާ ދެކޮޅަށް ނުކުމެ ފުލުހުންނާ މާރާމާރީ ހިންގާފައިވާތީއާއި ސަލާމަތީ ބާރުތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.

އެނގިފައިވާ ގޮތުގައި އެ ހުރިހާ ފުލުހުން ވެސް މިހާރުވަނީ ވަޒީފާއިން ވަކިކޮށްފައެވެ.