މާޗް މަހު ބާއްވާ އުރީދޫގެ އަހަރީ އާއްމު ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު އިންތިޚާބު ކުރުމުގެ ވޯޓުލުން ކުރިއަށް ދާނީ އިލެކްޓްރޮނިކް ވޯޓިންގ (އީ-ވޯޓިންގ) ގެ ގޮތުގައި ކަމަށް އުރީދޫން ބުނެފިއެވެ.

އުރީދޫ މޯލްޑިވްސް އިން 2 މާރިޗު 2020 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ގައި ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާއާ ގުޅޭ ގޮތުން އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނިފައިވާ "އެޖެންޑާ އައިޓަމް 10: އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު އިންތިޚާބު ކުރުން" ގެ ވޯޓުލުން ކުރިއަށް ދާނީ އިލެކްޓްރޮނިކް ވޯޓިންގ (އީ-ވޯޓިންގ) ގެ ގޮތުގައި ކަމުގައި އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.

މިގޮތަށް ވޯޓުދިނުމުގައި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރެއްގެ ގޮތުގައި އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް 1 (އެކެއް) ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

އަހަރީ އާންމު ޖަލްސާގެ އެޖެންޑާއާއި، އެޖެންޑާއާ ގުޅޭ އިތުރު ތަފްޞީލާއި މަޢުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓު އިން ލިބިވަޑައިގަންނަވާނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.