ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ބައެއް ހިސާބުތަކަށް އުދަވެސް އަރާފައިވާއިރު، އެކަންކަން ވަރަށް ގާތުން ބަލަމުން އަންނަކަމަށް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ އިން ވިދާޅުވެއްޖެއެވެ.

އެ ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ، ރާއްޖޭގެ މޫސުން ގޯސްވެ ރަށްތަކަށް ލިބެމުންދާ ގެއްލުންތައް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ގެއްލުން ލިބެމުންދާ ހުރިހާ ރަށްތަކެއްގެ މައުލޫމާތުތައް އެއް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ރަށްތަކަށް ލިބިފައިވާ ގެއްލުންތަކުގެ އިތުރު ތަފްސީލެއް އެ ސެންޓަރުން ހާމަކޮށްފައެއް ނުވެއެވެ. އެ ސެންޓަރުން ވިދާޅުވީ، އެ މައުލޫމާތުގެ ތަފްސީލް ވަރަށް އަަވަހަށް އާއްމު ކުރާނެ ކަަމަށެވެ.

އިއްޔެ އާއި ރޭވެސް ބައެއް ރަށްތަކަށް ވަނީ އުދަ އަރާފައެވެ. ބައެއް ރަށްތަކުގައި ފެންބޮޑުވެ ހިފާ ގެންގުޅޭ ތަކެއްޗަށްވެސް ދަނީ ގެއްލުންތަކެއް ލިބެމުންނެވެ. އަދި އާއްމުންނަށް އެހީވުމަށް އެމްއެންޑީއެފް އާއި ފުލުހުން އަދި ބައެއް އާއްމުންވެސް ދަނީ ހަރަކާތްތެރިވަމުންނެެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދައެރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.