ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 545 މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ މިއަދު އެގައުމުން މަރުވެފައި ވަނީ 227 މީހުން ކަމަށާއި، މިއަދު މަރުވި ކަން އިއުލާން ކުރި މީހުންގެ ތެރެއިން ބާކީ ހިމެނޭ 318 މީހުންނަކީ މީގެ ކުރިން އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނުގައި ތިއްބާ މަރުވެފައިވާ މީހުން ކަމަށެވެ. އެމީހުންނަށް ކޮވިޑް-19 ޖެހިގެން މަރުވިކަން ކަށަވަރު ވުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ގޮތުގައި މިއަދު ރަޖިސްޓްރީ ކުރީކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެއެވެ.

އިނގިރޭސިވިލާތުން މިއަދު މަރުވި މީހުންގެ އަދަދު ވަނީ އިއްޔެ އަށް ވުރެ އިތުރު ވެފައެވެ. އިއްޔެ އެގައުމުން މަރުވީ 160 މީހުންނެވެ.

ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މަރުވި މީހުންގެ ޖުމްލަ މިހާރު ވަނީ 35341 އަށް އަރާފައެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ގާބިލްކަން އިނގިރޭސިވިލާތުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރު ކޮށްފައެވެ. އެގައުމުން އިއްޔެ ވެސް 89000 އަށް ވުރެ ގިނަ ޓެސްޓް ކޮށްފައި ވެއެވެ. އަދި ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި ބައްދަލުވެފައިވާ މީހުން ދެނެގަތުމަށް އިތުރު 20000 މުވައްޒަފުން މިހާރު ވަނީ ހޯދާފައެވެ.

އިނގިރޭސިވިލާތުގައި ވަރަށް ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރިގެން ދިއުމަށް ފަހު މިހާރު ވަނީ ވަރަށް ބޮޑަށް ބަލި ކޮންޓްރޯލް ކުރެވިފައެވެ. މިހާރު އިނގިރޭސިވިލާތުން ތައްޔާރު ވަމުން ދަނީ ގައުމު ހުޅުވާލައި، އަލުން މަސައްކަތްތައް ފަށައި ގަތުމަށެވެ.

މިހާރު ވެސް ބައެއް ކަންކަމުގައި ލުއިތައްދީ އާއްމު ދަތުރު ފަތުރުގެ ނިޒާމް ވެސް ވަނީ ހުޅުވާލާފައެވެ. ނަމަވެސް މިއަދު އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ އަދި އާއްމު ދަތުރު ފަތުރުގެ ނިޒާމް ބޭނުން ކުރާ މީހުންގެ އަދަދު ކުރިން ލަފާކުރި އަދަދަށްވުރެ މަދު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު