މި ސީޒަނުގައި ލިވަޕޫލް އިން ދައްކަމުުން އަންނަނީ އާދަޔާ ހިލާފު މޮޅު ކުޅުމެކެވެ. ކޮންމެ މެޗެއްގައި ހައި ޕްރެސް އަކާއެކު ވަރުބަލި ނުވެ ބުންވަރާއެކު ކުޅޭ އިރު އެހެން ޓީމުތަކަށް އޮންނަނީ އޮބި ނޯވެފައެވެ. ސަލާހު ފާމިނިއޯ އަދި މާނޭ ކައުންޓާ އެޓޭކުގައި ގޯލާއި ދިމާލަށް ދުވެލާ މަންޒަރުން އެތައް އިދިކޮޅު ސަޕޯޓަރުންގެ ހިތްތައް ދަނީ ބިރުން ކުދި ކުދި ވަމުންނެވެ. މިގޮތައް މި ސީޒަނުގައި ލިވަޕޫލް އިން އެތައް ކަންނެލި ބާނައިފިއެވެ. ނަމަވެސް ދެން ސުވާލު އުފެދެނީ އެ ޓީމަށް މިޔަރެއް ބޭނޭނެ ތޯއެވެ؟

ފާއިތުވި ބުދަ ދުވަހުގެ ރޭ 7-6 ގެ އެގްރިގޭޓް ނަތީޖާއަކާއެކު ލިވަޕޫލް އިން ވަނީ އިޓަލީގެ ރޯމާ ބަލިކޮށް ދުނިޔޭގެ އެންމެ ބޮޑު ކްލަބް ފުޓުބޯޅަ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކޮށްފައެވެ. އެ ޓީީމު ފައިނަލުގައި ކުޅެން ޖެހޭނީ ސެމީގައި ވަރުގަދަ ބަޔާން މިއުނިކް ބަލި ކުރި، މިދިޔަ އަހަރުގެ ޗެމްޕިއަން އަދި ސްޕެއިންގެ ގަދަ ބާރު ކަމަށްވާ ރެއާލް މެޑްރިޑް އާއެވެ.

ރެއަލް މެޑްރިޑް ފައިނަލަށް ދަތުރު ކޮށްފައި ވަނީ ޔޫރަޕުގެ އެންމެ ބޮޑެތި ޓީމުތައް ކަޓުވާލާާފައެވެ. އެ ޓީމު ވެސް އޮތީ ފޯމުގައެވެ. ނަމަވެސް މިވަގުތު އެންމެ ހޫނުކޮށް ދެކެވެމުންދާ ވާހަަކައަކީ ލިވަޕޫލްގެ މުހައްމަދު ސަލާހުގެ ވާހަކައެވެ. ސަލާހު މިހާރު ހުރި ފޯމުގައި ދުނިޔޭގެ އެންމެ ބޮޑު ކްލަބުތައް ވެސް އޭނާ ދެކެ ބިރު ގަންނާނެއެވެ. ހުރިހާ މުބާރާތެއްގައި މިހާތަނަށް ޖުމްލަ 43 ލަނޑު ޖަހާފައިވާއިރު އޭނާ ދަނީ ރެކޯޑުތައް މުގުރަމުންނެވެ.

ލިވަޕޫލް ފައިނަލްގައި މޮޅު ވެވެން އޮތީ ސަލާހު މި ސީޒަނުގައި ދައްކަމުން އަންނަ ކުޅުން ހިފަހައްޓައިގެން ކަމަށް ގިނަ ބަޔަކު ދެކެވެ. ނަމަވެސް ރެއަލްގެ ވަރުގަދަ ޑިފެންސް ލައިނުގެ ކުރިމަތީގައި އޭނާއަށް އޭނާގެ ކުޅުން ދެއްކޭނެ ކަމާމެދު ވެސް ވަނީ ސުވާލު އުފެދިފައެވެ. އޭނާ ކުރިމަތިލާން ޖެހޭނީ އޭނާއާއި އެއްވަރެއްގެ ބާރު ދުވެއްޔެއް ހުންނަ ޑިފެންޑަރު މާސެލޯއާއެެވެ.

ދެން އުފެދޭ އަނެއް ސުވާލަކީ ލިވަޕޫލްއިން ކުޅޭ ހައި ޕްރެސިން ފުޓުބޯޅަ ރެއަލްއާއި ދެކޮޅަށް މަސައްކަތް ކުރާނެ ބާވައެވެ. ފައިނަލުގައި ރެއަލް އިން ނުކުންނާނީ ލިވަޕޫލްގެ ކުޅުން ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހު ލިވަޕޫލްގެ ކުޅުންގަނޑު ރޫޅާލާާށެވެ.

މީގެ ކުރިން ދެ ސީޒަނުގައިވެސް މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ރެއަލް އިންނެވެ. މިއީ އެ ޓީމު ފައިނަލްގައި ޖެހިޖެހިގެން ކުޅޭ ތިންވަނަ ސީޒަނެެވެ. އަނެއް ކޮޅުން ލިވަޕޫލް އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކޮށްފައި ވަނީ 2005 ވަނަ އަހަރުއެވެ.

ލިވަޕޫލްގެ ލެޖެންޑް ސްޓީވަން ޖެރާޑުގެ ރަން ޒަމާނުގައި ކުޅުނު އެ ފައިނަލްގައި ލިވަޕޫލް އިން މޮޅުވެ ޗެމްޕިއަންކަން ހޯދީ ފުރަތަމަ ހާފުގައި އޭސީ މިލާން ތިން ގޯލު ޖަހާފައި އޮއްވާ ފަހަތުން އަރައި ތިން ގޯލު ޖަހައިގެން އެއްވަރުކޮށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. އެ ސީޒަނުގައި ލިވަޕޫލް އިން ހޯދި މޮޅަށް "ދަ މިރެކަލް އޮފް އިސްތަންބޫލް" ގެ ނަމުން ނަން ދެވުނެވެ.

2013-2014 ވަނަ އަހަރުގެ ސީޒަނުގައި ލިވަޕޫލް އިން ވަނީ ޕްރިމިއާ ލީގު ހޯދުމާއި ގާތްކޮށްފައެވެ. އޭރު އެ ޓީމުގައި ފާހަގަ ކޮށްލެވޭ ކުޅުންތެރިންނަށް ތިބީ ސުއަރޭޒް، ކުޓީނިއޯ އަދި ޖެރާޑްއެވެ. އެ ސީޒަނުގައި ބްރެންޑަން ރޮޖާސްގެ އިރުޝާދުގެ ދަށުން އެ ޓީމު ދެއްކި އާދައާއި ހިލާފު މޮޅު ކުޅުމަށް ފަހު އެ ޓީމު ފުރަތަމަ ފަހަރަށް އެފެންވަރުގައި ކުޅެމުން މި އަންނަނީ މި ސީޒަނުގައެވެ. މި ސީޒަނުގައި ލިވަޕޫލް އޮތް ފޯމުގައި އެ ޓީމަށް ރެއާލް ހިމެނޭ ގޮތައް ބަލި ނުކުރެވޭނެ އެއްވެސް ޓީމެއް ނެތް ކަމަށް ދެކޭ މީހުން ވަރަށް ގިނައެވެ.

މި އަހަރުގެ ވަރުގަދަ ފައިނަލް އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 23:45 ގައި ޔުކްރެއިންގެ ކިއެވްގެ އޮލިމްޕިސްކީ ނޭޝަނަލް ސްޕޯޓްސް ކޮމްޕްލެކްސްގައެވެ. މި މެޗު ވެގެންދާނީ ލިވަޕޫލްގެ ގިނަ ކުޅުންތެރިންނާއި އެ ޓީމުގެ ކޯޗް ޔާގެން ކްލޮޕްގެ ކެރިއަރުގެ އެންމެ ބޮޑު މެޗަށެވެ.