ރިއަލް މެޑްރިޑުގެ ފޯވާޑު ކްރިސްޓިއާނޯ ރޮނާލްޑޯ ބުނާގޮތުގައި އޭނާ އަށް ހީވަނީ އޭނާގެ އުމުރުން އެންމެ 23 އަހަރު ކަމަށެވެ. އަދި ކުޅުން ހުއްޓާލަން ބޭނުން ވަނީ 41 އަހަރު ވުމުން ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ކުރިން މިދިޔަ ބުދަ ދުވަހު އޭނާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި އޭނާ އަށް ހީވަނީ އުމުރުން 23 އަހަރު ކަމަށެވެ. "އަދި ކުޅެން ވަރަށް ގިނަ ދުވަސަ އެބައޮތް، އުމުރުން 41 އަހަރު ވަންދެން ކުޅެވޭނެ. އަހަރެންގެ އެއްވެސް ޝަކުވާ އެއް ނެތް، ހޮނިހިރު ދުވަހު އަނެއްކާވެސް މިކުޅެނީ ފައިނަލެއް، ހުރިހާ ސަޕޯޓަރުން ވެސް ތިބީ ކްރިސްޓިއާނޯ ފަހަތުގަ" ފަސް ފަހަރު އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮނާލްޑޯ ބުންޏެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ވިދި ވިދިގެން 6 އަހަރު ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް 12 މެޗުގައި 15 ގޯލު ރިއަލް މެޑްރިޑަށް ކާމިޔާބު ކޮށްދީފައެވެ. ކިއެވް ގައި ހޮނިހިރު ދުވަހު ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި އޭނާ ގޯލެއް ޖަހައިފިނަމަ، ރޮނާލްޑޯ ވާނީ ޗެމްޕިއަންސް ލީގު ތާރީހުގައިވެސް ވިދި ވިދިގެން 3 ޔޫރަޕުގެ ތައްޓަށް ކުޅޭ ފައިނަލުގައި ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ،

މީގެ އިތުރުން ޓްރާންސްފާ އާއި ބެހޭގޮތުން ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ، " އަހަރެން ރިއަލް މެޑްރިޑުގައި ކުޅޭތާ 8 އަހަރު ވެއްޖެ، ކޮންމެ އަހަރަކުވެސް 50 ކުޅުންތެރިން އަންނަ ވާހަކަ އަޑު އިވޭ، ނަމަވެސް އެންމެ ފަހުވަގުތު އެއްވެސް ކުޅުންތެރިއެއް ނާދޭ. އަހަންނަށް ހީވަނީ ސެޕްޓެމްބަރުގައި ގިނަ ކުޅުންތެރިން އަންނާނެހެން، ނަމަވެސް ފައިނަލާއި ހަމައަށް ގެންދަނީ އަބަދުވެސް އެއް ކުޅުންތެރިން ތަކެއް"

ނިންމާލަމުން ރޮނާލްޑޯ ބުނެފައިވަނީ ހުރިހާ މޮޅު ކުޅުންތެރިން ތިބީ ރިއަލް މެޑްރިޑުގައި ކަމަށާއި އޭގެ ތެރޭގައި ބޭލް، ބެންޒިމާ، ލޫކަސް(ވަޒްކުއޭޒް) މާކޯ(އެސެންސިއޯ)ގެ ނަން ވަނީ ހާމަކޮށްފައެވެ.