އަވަށްޓެރި އިންޑިޔާގެ ކެރެލާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެއެވެ. އެގޮތުން، ފެންބޮޑުވުމާއި، އެކަމާ ގުޅިގެން ކުރިމަތިވި އެހެން ކަންކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 324 އަށް އަރާފައިވާކަމަށް، އެ ސްޓޭޓުގެ ޗީފް މިނިސްޓަރުގެ އޮފީހުން ބުނެފައިވެއެވެ.

ކެރެލާގެ ޗީފް މިނިސްޓަރުގެ އޮފީހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއީ ފާއިތުވި ޤަރުނުގެ ތެރޭގައިވެސް ކެރެލާ އަށް ކުރިމަތިވި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ޙާދިސާކަމުގައެވެ. އަދި، މި ޙާދިސާގައި 324 މީހުންގެ ފުރާނަ ގެއްލިފައިވާކަމަށްވެސް ޓްވީޓުގައި ބުނެފައިވެއެވެ.

މި ޓްވީޓު ކޮށްފައިވާ ވަގުތުގެ ފަހުންވެސް، އިތުރު ބަޔަކު މަރުވެފައިވުން އެކަށީގެންވާކަމަށް، ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ. އެހެންކަމުން، މަރުވި މީހުންގެ އަދަދު، ޗީފް މިނިސްޓަރުގެ އޮފީހުން އެންމެ ފަހުން އާއްމުކޮށްފައިވާ އަދަދަށް ވުރެ އިތުރުވާނެކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ކެރެލާގެ ޗީފް މިނިސްޓަރުގެ އޮފީހުން ބުނެފައިވާ ގޮތުން، ފެންބޮޑުވުމާ ގުޅިގެން 22،3139 މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. މި ފަރާތްތަކުގެ ގެދޮރު ގެއްލި، އެމީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާއިރު، އެކަމަށްޓަކައި 1500 އަށް ވުރެ ގިނަ ވަގުތީ ހިޔާގެ ސަރަޙައްދުތައްވަނީ ޤާއިމުކޮށްފައެވެ.

ކެރެލާ އަށް ކުރިމަތިވެފައިވާ ޚާއްޞަ ޙާލަތުގައި، ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ، އެޤައުމުގެ ނޭޝަނަލް ޑިޒާސްޓަރ ރިލީފް ފޯސް އިން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް އެފަރާތުން އިންޑިޔާގައި ހިންގާފައިވާ، އެންމެ ބޮޑު ކުއްލި ޙާލަތުގެ އޮޕަރޭޝަން މިހާރު ހިނގަމުންދަނީ ކެރެލާގައެވެ. މިކަމަށްޓަކައި، އިންޑިޔާގެ އެކި ސަރަޙައްދުތަކުގައި ތިބި، އެފައުޖުގެ މެންބަރުން، ކެރެލާގައި ހަރަކާތްތެރިވަމުންދާކަމަށްވެސް ވަނީ ބުނެފައެވެ.

އެޤައުމުގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ، މިއަދުވަނީ ކެރެލާގައި ފެން ބޮޑުވެފައިވާ ސަރަޙައްދުތައް، މަތިން ބައްލަވާލައްވާފައެވެ.