80 އަށްވުރެ ގިނަ މީހުންނާއެކު ދަތުރު ކުރި ފްލައިޓެއް ވެއްޓިއްޖެ އެވެ.

މި ފްލައިޓް ވެއްޓިފައިވަނީ އަފްގާނިސްތާނުގެ ތާލިބާނުން ކޮންޓްރޯލް ކުރާ ސަރަހައްދަކަށެވެ. ބީބީސީން ބުނީ، ފްލައިޓް ވެއްޓިފައި ވަނީ ޑެން ޔަކް ޑިސްޓްރިކްޓުގެ ޣަޒިނީއަށް ކަމަށެވެ.

މި ފްލައިޓް ވެއްޓުނީ ހިރާތު ސިޓީން ގަޒްނީއަށް ދަތުރު ކުރަމުން ދަނިކޮށެވެ.

މި ފްލައިޓް ނިސްބަތްވާ އެއާލައިނެއް އައި ސާފެއް ނުވެއެވެ. ބީބީސީން ބުނީ، އަރިއާނާ އެއާލާއިނެއް ކަމަށް ފުރަތަމަ މައުލޫމާތު ލިބުނު ނަމަވެސް، އެކަން އެއާލައިނުން ދޮގުކޮށްފައިވާ ކަމަށެވެ.

އަދި މި ފްލައިޓުން ދަތުރުކުރި މީހުންގެ އަދަދު ސާފު ނުވާ ކަމަށް ބީބީސީން ބުނެއެވެ.

ނަމަވެސް އިނގިރޭސިވިލާތުގެ މިރާ ނޫހުން ބުނީ، ފްލައިޓުން80 އަށްވުރެ ގިނަ މީހުން ދަތުރު ކުރި ކަމަށެވެ. ބޭރުގެ އެކި މީޑިއާތަކުން ބުނާގޮތުން، އެ ފްލައިޓުގައި 80 އާއި 100 ދެމެދުގެ އަދަދަކަށް މީހުން ތިއްބެވެ.

މި ފްލައިޓް ވެއްޓެން މެދުވެރިވީ އަލިފާން ރޯވެ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

މި ފްލައިޓުން ދަތުރު ކުރި މީހުން ސަލާމަތްވިކަމެއް އަދި ނޫންކަމެއް ސާފްވާ ގޮތް ވަނީ ނުވެފައެވެ.