ކެމްބޯޑިއާ އިން ފުރަތަމަ ފަހަރަށް ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެއެވެ.

‎ކެމްބޯޑިއާއިން ނުރައްކާތެރި ކޮރޯނާވައިރަސް ފެނިފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓަރު މަމް ބުންހެންގް ވަނީ ކަށަވަރު ކޮށްދީފައެވެ.‎

އޭނާ ވިދާޅުވީ ގައިންގަޔަށް އަރާ މި ބަލި ހުރި މީހާ ފެނިފައިވަނީ އެގައުމުގެ ސިޓީއެއް ކަމަށްވާ ސިހަނޫކްވިލް އިން ކަމަށެވެ. އަދި އޭނާ އަކީ ޗައިނާއަށް ނިސްބަތްވާ މީހަކު ކަންވެސް ހެލްތް މިނިސްޓަރު ވަނީ ކަށަވަރު ކޮށްދީފައެވެ.

އެކަމާއި ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅު ތަކެއް ހާމަ ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުން މި ބަލި ހުރި މީހުން ފެންނަމުން އަންނާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ދަނީ ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރަމުންނެވެ.

ގައިން ގަޔަށް އަރާ މި ވައިރަސް ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވުހާން ސިޓީގައި ދިރިއުޅުން ދިޔަ ދެމީހެއްގެ ގައިންނެވެ. މި ވައިރަސްގެ ސަބަބުން މިހާތަނަށް އެގައުމުން 81 މީހަކު މަރުވެފައިވާއިރު 2700 ވަރަކަށް މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.

ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ މި ވައިރަސް މިހާރު އާބާދީގެ ގޮތުން ބޮޑު ގައުމުތަކަށް ވަނީ ފެތުރިފައެވެ. އެގޮތުން ހިމެނެނީ ޗައިނާ، ހޮންގްކޮންގް، ތައިލޭންޑް، އޮސްޓްރޭލިއާ، މަކާއު، އެމެރިކާ، ޖަޕާން، މެލޭޝިއާ، ސިންގަޕޫރު، ފްރާންސް، ސައުތް ކޮރެއާ، ތައިވާން، ވިއެޓްނާމް، ކެމްބޯޑިއާ އަދި ނޭޕާލެވެ.

ކިޔުންތެރިންގެ ހިޔާލު