ހިމަބިއްސަށް މިހާތަނަށް ހަތް މީހަކު ޕޮޒިޓިވްވެފައިވާކަމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން މިއަދު ވިދާޅުވީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި ހިމަބިއްސަށް ޕޮޒިޓިވްވެފައި ވަނީ އެކަކު ކަމަށެވެ. އެ މީހާ ހިމަބިއްސަށް ޕޮޒިޓިވްވެފައި ވަނީ އިއްޔެ ހެދި ޓެސްޓުތަކުންނެވެ.

އެ މިނިސްޓްރީން މިހާތަނަށް އެ ބައްޔަށް 113 މީހުން ޓެސްޓް ކޮށްފައިވެއެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަމަށް މީގެ ކުރިން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑުވެސް ރާއްޖެއާ ވަނީ ހަވާލުކޮށްފައެވެ. އެ އެވޯޑް ރާއްޖެ އާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

މި ބަލި ރާއްޖެއިން އަނެއްކާވެސް ފެނިފައި ވަނީ ދޮޅު އަހަރެއްހާ ދުވަސް ފަހުންނެވެ.

ކުޑަކުދިންގެ ހައްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅުވީ، ހިމަބިހިން ރައްކާތެރިވުމަށް އެންމެ މޮޅު އަދި ރައްކާތެރި ގޮތަކީވެސް ވެކްސިން ޖެހުން ކަމަށެވެ.