ކޮވިޑް-19 ޖެހިގެން ބުދަ ދުވަހު 108 މީހުން ޗައިނާގެ ހުބެއީ ޕްރޮވިންސުން މަރުވުމާއި އެކު ބަލި ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު 2100 ފަހަނައަޅައި ހިނގައްޖެއެވެ.

ޗައިނާ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު 2112 އަށް އަރާފައެވެ. އަދި އިއްޔެ އީރާނުން މަރުވި ދެމީހުންނާއި އެކު ބަލި ޖެހިގެން ދުނިޔެ އިން މަރުވި މީހުންގެ އަދަދު ވަނީ 2120 އަށް އަރާފައެވެ.

މިހާތަނަށް ހޮންކޮންގް އަދި އީރާނުން ކޮންމެ ގައުމަކުން ދެމީހުން ވަނީ މަރުވެފައެވެ. އަދި ޓައިވާން، ޖަޕާން، ފިލިޕީންސް، ފްރާންސް، ކޮންމެ ގައުމަކުން އެކަކު ވަނީ މަރުވެފައެވެ.

ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 76262 އަށް އަރާފައެވެ.

އީރާނުން ކޮވިޑް-19 ޖެހިފައިވާ ދެމީހަކު ފެނުނުކަން ކަށަވަރު ކޮށްދިންތާ މަދު ގަޑިއިރުކޮޅެއް ފަހުން އެދެމީހުން މަރުވެއްޖެ ކަމަށް އީރާނުން އިއުލާން ކުރުމުން ގިނަ ބަޔަކު އަންނަނީ އެކަމާއި ސުވާލު އުފައްދަމުންނެވެ.

ދުނިޔޭގެ އެހެން ގައުމުތަކާއި މާބޮޑު ގުޅުމެއް ނޯންނަ އީރާންގައި ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުންތައް ވެސް ގިނަ ބަޔަކު އަންނަނީ ފާޅު ކުރަމުންނެވެ.

ބުދަ ދުވަހު ޗައިނާ އިން މަރުވި މީހުންގެ އަދަދު 100 އަށް ވުރެ އިތުރު ވެފައި މިވަނީ ފާއިތުވި ދެދުވަހު މިބަލީގައި މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވުމަށް ފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު