ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަނންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް 19) ޖެހިގެން އިޓަލީން މީހަކު މަރުވެއްޖެއެވެ.

މި ވައިރަސް ޖެހިގެން އިޓަލީން މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ފިރިހެނެކެވެ.

މި މީހާއަކީ ކޮވިޑް 19 ޖެހިގެން އިޓަލީން މަރުވި ފުރަތަމަ މީހާއެވެ. އަދި މިއީ ޔޫރަޕުން މި ވައިރަސް ޖެހިގެން މަރުވި ދެވަނަ މީހާއެވެ. ޔޫރަޕުގެ ގައުމުތަކުން ކޮވޮޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ކުރިން މަރުވެފައި ވަނީ ފްރާންސަށް ނިސްބަތްވާ މީހެކެވެ.

އިޓަލީގައި ވައިރަސް ފެތުރޭ މިންވަރު ބޮޑުވުމާއި އެކު އެ ގައުމުގެ ސަރުކާރުން ވަނީ ހުރިހާ ސްކޫލްތަކެއްވެސް ބަންދު ކޮށްފައެވެ. މީގެ އިތުރުން އެ ގައުމުން ގިނަ އަދަދެއްގެ ވިޔަފާރިތަކާއި ރެސްޓޯރެންޓުތައްވެސް ވަނީ ބަންދުކޮށްފައިކަން ފާހަގަކޮށްލެވެއެވެ މިކަމާއި ގުޅިގެން އިޓަލީގެ އިދާރާތަކުން ބުނެފައި ވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތް ނުވާ ކަމަށެވެ.

ޗައިނާގައި ފެތުރެން ފެށި ނުރައްކާތެރި ކޮރޯނާ ވައިރަސް މިހާތަނަށް ވަނީ 25 އަށް ވުރެ ގިނަ ގައުމަކުން ފެނިފައެވެ. މި ބަލި ފެތުރެން ފެށުމާއި ގުޅިގެން ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން މިހާރު ވަނީ އިންޓަނޭޝަނަލް ހެލްތު އެމެޖެންސީ އިއުލާން ކޮށްފައެވެ.

ޖަނަވާރުގެ ޒަރިއްޔާއިން ފެތުރެން ފެށި މި ނުރައްކާތެރި ވައިރަހުގައި މިހާތަނަށް 12،000 އަށްވުރެ ގިނަ ބަޔަކު ތިބީ އަދިވެސް ފުރާނައަށް ނުރައްކާވާ ހާލަތުގައި ކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 70،000 ފަހަނައަޅައި ގޮސްފައި ވާއިރު މިހާރު ވެސް 56،104 މީހަކު ބައްޔަށް ފަރުވާ ކުރަމުން އެބަގެންދެއެވެ. 18،909 މީހަކު ބަލިން ރަނގަޅު ވެއްޖެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. 2250 މީހަކު މިހާތަނަށް ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. މި ވައިރަސް ޖެހުމުގެ ސަބަބުން ދިފާއީ ނިޒާމް ދެރަކޮށްލައި، ނޭވާލުމަށް ދަތިވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮރު

    ކީއްވެ އަލްހަމްދު ނުކީ؟ މުސްލިމަކަށް ވެދާނޭތި؟ އިސްރާއީލުގައި އުޅޭ މުސްލިމުންގެ އަދަދު މާގިނަ. އެކަމަކު އެތަނަށް ވައިރަސް ފަތުރުވަން އެބަ ދުއާ ކުރީ. ޖާހިލު ވިޔަސް ތަންކޮޅެއް ބޮޑުވަރު.