އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ އެލްޖީރިއާ އިން ކޮވިޑް-19 ވައިރަސް ފެނިއްޖެ އެވެ.

އަލްޖީރިއާއިން އެކަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއީ އެފްރިކާގެ ގައުމަކުން މި ބަލި ފެނުނު ދެވަނަ ގައުމެވެ.

މީގެ ކުރިން މިސްރުން ވަނީ ބަލި ހުރި މީހަކު ފެނިފައެވެ.

މިހާތަނަށް މި ވައިރަސް ވަނީ 41 ގައުމަކުން ފެނިފައެވެ.

އަލްޖީރިއާ އިން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެގައުމަށް އެތެރެވި އިޓަލީ މީހެއް ކަމަށެވެ. އޭނާ މިހާރު ވަނީ ކަރަންޓީން ކޮށްފައެވެ.

އިޓަލީވިލާތުގެ ގިނަ ބަޔަކު އަލްޖީރިއާގައި މަސައްކަތް ކުރެއެވެ. މިލާންގެ ކުންފުންޏެއް ކަމަށްވާ "އެނީ" އަކީ އަލްޖީރިއާގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. ބަލި ޖެހިފައި ވަނީ ވެސް އެކުންފުނީގެ މުވައްޒަފަކަށެވެ.

އަލްޖީރިއާ އިން ކޮވިޑް-19 ފެނުނުއިރު އެގައުމު އޮތީ ވަރަށް ބޮޑު ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައެވެ. އިދިކޮޅު ފަރާތްތަކުން ކޮންމެ ހަފްތާއަކު ދެދުވަހު ބޮޑެތި މުޒާހަރަތައް ކުރަމުން އަންނަތާ މިހާރު ދެތިން މަސް ދުވަސްވާން ވަނީ ކައިރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު