އުތުރު މެސެޑޯނިއާ އިން ކޮވިޑް-19 ފެނިއްޖެއެވެ.

ބަލްކަންސްގައި އޮންނަ ގައުމެއް ކަމަށްވާ އުތުރު މެސެޑޯނިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެގައުމަށް އިޓަލީވިލާތުން ދަތުރު ކުރި މީހެކެވެ.

މެސެޑޯނިއާގެ ހެލްތު މިނިސްޓްރީން ދެންމެ ބުނީ އިޓަލީވިލާތުން އެގައުމަށް އައި އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

"ބަލީގެ އަލާމާތްތައް ފެނުނު މީހަކު ޓެސްޓް ކުރިއިރު އޭނާ ވަނީ ޕޮޒިޓިވްވެފައި. މިހާރު އޭނާ އަށް ވަނީ ފަރުވާ ދޭން ފެށިފައި. އެއީ އިޓަލީވިލާތުން އައި އަންހެނެއް." މެސެޑޯނިއާގެ ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

ބައްޔަށް ޕޮޒިޓިވްވި އަންހެން މީހާ މެސެޑޯނިއާއަށް ދިޔައީ ވޭނެއްގައެވެ. އެހެންކަމުން ވޭންގައި ތިބި އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މެސެޑޯނިއާގެ ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

އިޓަލީވިލާތުން ފެނުނު ކޮވިޑް-19 މިހާރު ވަނީ ޔޫރަޕްގެ ގިނަ ގައުމުތަކަށް ފެތުރިފައެވެ. ޔޫރަޕްގެ ގައުމުތަކުން އަދި މިހާތަނަށް ގިނައިން ކޮވިޑް-19 ޖެހިފައި ވަނީ އިޓަލީވިލާތައް ދަތުރުކުރި މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު