ދެކުނު ކޮރެއާ އިން ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް 505 މީހަކު 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެއްޖެއެވެ.

މިއީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ޗައިނާ އިން ޕޮޒިޓިވްވި އަދަދަށް ވުރެ އިތުރު އަދަދެކެވެ. ޗައިނާ އިން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 450 މީހުންނެވެ.

މިހާތަނަށް އައިއިރު، ދެކުނު ކޮރެއާ އިން މި ބަލި ޖެހިފައި ވަނީ 1766 މީހުންނަށެވެ.

ކޮވިޑް-19 އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ކަރުގައި ރިއްސުމާއި ނޭވާލާން ބައެއް ފަހަރު އުނދަގޫވުމާއި ގައިގައި ރިއްސުން ފަދަ ކަންކަން ހިމެނެއެވެ. ކޮވިޑް-19 އަކީ ގައިން ގަޔަށް އަރާ އެހެން ބަލިތަކަށް ވުރެ އެކަކު ގައިން އަނެކަކު ގަޔަށް ފެތުރުން އުނދަގޫ ނުވަތަ ލަހުން އަރާ ވައިރަސްއެކެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 78،000 އަށް ވުރެ މަތީގައި އުޅޭ އިރު، މި ބަލި ޖެހިގެން 2700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ކޮވިޑް-19 ޖެހިގެން މިހާތަނަށް ރަނގަޅު ކުރެވުނީ 32،000 އަށް ވުރެ ގިނަ މީހުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު