ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ ބަޔަކު ލަންކާގެ ހޮސްޕިޓަލެއްގައި އެޑްމިޑްކޮށްފިއެވެ.

ލަންކާގެ ނޫސްތައް ބުނާގޮތުގައި ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ދެ މީހަކު ވަނީ ލަންކާގެ އިންފެކްޝިއަސް ޑިޒީޒަސް ހޮސްޕިޓަލް (އައިޑީއެޗް) ގައި އެޑްމިޓްކޮށްފައެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުގައި މި ދެ މީހުން އެޑްމިޑްކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މި މީހުންނަކީ ކޮރޯނާ ވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އެއް ޤައުމު ކަމަށްވާ އިޓަލީން ލަންކާއަށް ދަތުރުކުރި ބަޔެކެވެ. އެ މީހުން އައިޑީއެޗްގައި އެޑްމިޓްކޮށްފައި ވަނީ ލަންކާ އަށް އެމީހުން ދިޔައިރު ކޮރޯނާ ވައިރަސްގެ އަލާމާތްތައް އެމީހުންގެ ހަށިގަނޑުން ފެނުމުން ކަމަށް ވެއެވެ.

އޭގެ ތެރެއިން އެކަކު އައިޑީއެޗް އަށް ބަދަލުކޮށްފައި ވަނީ ލަންކާގެ ސްރީ ޖަޔަވަރްދެނަޕޫރާ ހޮސްޕިޓަލަށް ގެންދިއުމަށްފަހު ޓެސްޓު ކޮށްފައެވެ. އަދި ދެވަނަ މީހާ އައިޑީއެޗް އަށް ގެންދިޔައީ ލަންކާގެ ރާގަމަ ޓީޗިންގް ހޮސްޕިޓަލުގައި ހެދި ޓެސްޓުތަކަކަށްފަހު ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެނުމުންނެވެ. މި ދެމީހުންނަކީ ވެސް ލަންކާއަށް ނިސްބަތްވާ ދެމީހުންނެވެ. ނަމަވެސް އެމީހުންނާއި ބެހޭ އިތުރު މައުލޫމާތެއް އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.

ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މި ދެމީހުން މިހާރު ލަންކާގެ އަންގޮޑާގައި ހުންނަ އައިޑީއެޗްގައި ތިބިއިރު، އެމީހުންގެ ޓެސްޓުތައް ހެދުމަށް އެޤައުމުގެ މެޑިކަލް ރީސާޗް އިންސްޓިޓިއުޓަށް ވަނީ ސާމަޕަލް ފޮނުވާފައެވެ. ނަމަވެސް އަދި އެ ޓެސްޓުތަކުގެ ނަތީޖާ ލިބިފައިވާކަމެއް އިދާރާއަކުން ހާމައެއް ނުކުރެއެވެ.

އިޓަލީން ލަންކާއަށް ދަތުރުކުރި ދެމީހަކު ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން އެޑްމިޓްކޮށްފައި ވާއިރު، އިޓަލީ އަކީ ތިންވަނައަށް އެންމެ ގިނަ މީހުން މި ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ޤައުމެވެ. މިހާތަނަށް އެޤައުމުން 2337 މީހަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން ޖުމްލަ 16 މީހަކު ވަނީ މަރުވެފައެވެ.

ކަންބޮޑުވާހައި ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު މިހާތަނަށް 59 ޤައުމަކުން މި ވައިރަސް ފެނިފައި ވެއެވެ. އަދި މިހާތަނަށް މި ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 84000 އަށް އަރާފައެވެ. ކޮރޯނާ ވައިރަސް ޖެހިގެން 2800 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މިހާތަނަށް އެންމެ ގިނަ އަދަދަކަށް މި ވައިރަސް ޖެހިފައިވާ މީހުން ފެނިފައިވަނީ، އެންމެ ފުރަތަމަ ވައިރަސް ފެތުރެން ފެށި ޗައިނާއިންނެވެ. ޗައިނާއިން އެކަނިވެސް 79252 މީހުންނަށް މިހާތަނަށް ކޮރޯނާ ވައިރަސް ޖެހިފައި ވެއެވެ. އަދި އެޤައުމުން 2800 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު