ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން އިތުރު 133 މީހަކު މަރުވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޓަލީވިލާތުގައި ވަނީ ކޮވިޑް-19 ޖެހިގެން 133 މީހަކު މަރުވެފައިވާއިރު ބަލި ޖެހިގެން އިޓަލީވިލާތުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 366 އަށް އަރާފައެވެ.

މިއަދު އިތުރަށް 1542 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އިޓަލީވިލާތުގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ އިޓަލީވިލާތުން ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު 7375 އަށް އަރައިފި ކަމަށެވެ.

މިހާތަނަށް 622 މީހަކު ވަނީ އިޓަލީވިލާތުގައި ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން މިހާރު ބަލި ޖެހިފައި އިޓަލީވިލާތުގައި ތިބީ 6387 މީހުންނެވެ.

މިހާރު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މުޅި ދުނިޔެ އިން ވެސް ދެވަނަ އަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައި ވަނީ އިޓަލީވިލާތުންނެވެ.

އިޓަލީވިލާތުގެ އިދާރާތަކުން ބުނާ ގޮތުގައި އެގައުމުގައި ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުން ތިބީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފައެވެ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން އަންނަ އިޓަލީވިލާތުގެ އުތުރުގެ ސަރަހައްދުތައް ކަރަންޓީން ކުރަން އެގައުމުގެ ސަރުކާރުން މިއަދު ނިންމުމާއި އެކު އެނިންމުން ތަންފީޒު ކުރުމުގެ ވަގުތު ޖެހުމުގެ އިރުކޮޅެއް ކުރިން އެތައް ހާސްބަޔަކު ރޭލްތަކާއި، އަމިއްލަ ވެހިކަލްތަކުގައި އެހެން ސަރަހައްދުތަކަށް ދަތުރު ކުރަން މަސައްކަތް ކޮށްފައި ވެއެވެ. އެސަރަހައްދުތައް ކަރަންޓީން ކުރުމުގެ ވަގުތުކޮޅެއް ކުރިން ބައެއް މީހުން ވަނީ އެސަރަހައްދުތަކުން ބޭރުވެފައެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ ޗެކްޕޮއިންޓްތައް ޖަހައިގެން މީހުން އެސަރަހައްދުތަކުން ބޭރަށް ދަތުރުކުރުން ހުއްޓުވާފައެވެ.

އިޓަލީވިލާތުގައި ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުންދާތީ އެގަމުގެ ހުރިހާ ސްކޫލަކާއި ޔުނިވަސިޓީތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި ކަރަންޓީން ކޮށްފައިވާ ސަރަހައްދުތަކުގައި ހުންނަ ސިނަމާތަކާއި، މިއުޒިއަމްތަކާއި، ތިއޭޓަރުތަކާއި، ޖިމްތަކާއި ސްވިމިންޕޫލްތަކާއި ސްކީ ރިސޯޓްތައް ވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން އެސަރަހައްދުތަކުގައި އާއްމުން ބައިވެރިވާ އެއްވެސް ހަރަކާތެއް ބޭއްވުމާއި ކުޅިވަރު ހަރަކާތްތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ.

ބާތަކާއި ރެސްޓޯރެންޓްތައް ވެސް ހުޅުވުމުގެ ހުއްދަ މިހާރު އޮންނަނީ ހެނދުނު 06:00 އިން ފެށިގެން އިރުއޮއްސި 18:00 އާއި ހަމައަށެވެ. ބަލި ފެތުރެމުންދާ ސަރަހައްދުތަކުގައި ޖަނާޒާތަކާއި ކައިވެނި ޕާޓީތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު