އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރު ކަމުގައިވާ މެޓް ހެންކޮކް ވެސް ނުރައްކާތެރި ވަައިރަސް ކޮވިޑް-19 އަށަ ފައްސި (ޕޮސިޓިވް) ވެއްޖެއެވެ.

މީގެ އިރުކޮޅެެއް ކުރިން މެޓް ކުރެއްވި ޓްވީޓެއްގައި ވިދާޅުފައި ވަނީ ސިއްހީ މާހިރުންގެ ލަފާގެ މަތިން އޭނާ ވައިރަހަށް ޓެސްޓު ހަދާފައިވާ ކަމަށާއި އަދި ނަތީޖާތައް ދައްކާ ގޮތުން އޭނާ ވައިރަހަށް ފައްސިވެފައިވާ ކަމަށެވެ.

މެޓް އިތުރަށް ވިދާޅުވީ އޭނާގެ ހާލު ރަނގަޅު ކަމަށާއި އަދި މި ދަނޑިވަޅުގައި ކުރަން ޖެހޭ މަސައްކަތްތައް ގޭގައި އެކަހެރިވެގެން (ސެލްފް އައިސޮލޭޝަން) ގައި ހުރެގެން ކުރިއަށް ގެންދާނެ ކަމަށެވެ.

މިއަދު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަންވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެކަން ހާމަ ކުރަމުން ބޯރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވައިރަހުގެ އަލާމާތްތައް ފެނުމުން އޭނާގެ މެޑިކަލް އޮފިސަރުގެ ލަފާ އާއި އެއްގޮތަށް ވައިރަހަށް ޓެސްޓު ކޮށްފައިވާ ކަމަށާއި އަދި ޓެސްޓުގެ ނަތީޖާ ފައްސިވެފައިވާ ކަމަށެވެ.

ބޯރިސް އާއި މެޓްގެ އިތުރުން އިނގިރޭސިވިލާތުގެ ޝާޙީ އާއިލާ އަށަ ނިސްބަތްވާ ޕްރިންސް ޗާލްސް ވެސް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވައިރަހަށް ފައްސިވެފައެވެ. ރާނީ އެލިޒަބެތް އަށް ފަހުގައި ދެން އެ ގައުމުގެ ތަހުތާއި ހަވާލުވުމަށް ހަމަޖެހިފައިވާ ޕްރިންސް ޗާލްސް މިވަގުތު ހުންނެވީ ޝާޙީ އާއިލާގެ ގަނޑުވަރުގައި އެކަހެރި ވެގެންނެވެ. އަދި އެބޭފުޅާ އަށް ބޭނުންވާ ފަރުވާވެސް އަންނަނީ ދެމުންނެވެ.