ސައުދީ އަރަބިއްޔާ އަށް މިސައިލް ހަމަލާތަކެއް އަމާޒުކޮށްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިދާރާތަކާއި ހަވާލާދީ ބައިނަލްއަޤުވާމި ނޫސްތަކުން ބުނާގޮތުގައި، އެޤައުމަށް މިރޭ ތިން މިސައިލް ހަމަލާއެއް އަމާޒުވެފައިވާ ކަމަށެވެ. އޭގެތެރެއިން ދެ މިސައިލް އަމާޒުކުރަން އުޅެފައި ވަނީ ސައުދީގެ ވެރިކަންކުރާ ރިޔާދަށް ކަމަށާއި އިތުރު މިސައިލެއް އެޤައުމުގެ ޖަޒާން ސިޓީއަށް އަމާޒުކޮށް ފޮނުވާލާފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

ސައުދީގެ ދެ ސަރަޙައްދަކަށް މިރޭ މި ހަމަލާތައް ދޭން މަސައްކަތް ކޮށްފައި ވަނީ މިރޭ އެޤައުމުގެ ގަޑިން ގާތްގަނޑަކަށް 11:20 ހާއިރު އެވެ. އެވަގުތު ގިނަ އަދަދެއްގެ ބަޔަކަށް ބާރުގަދަ ގޮވުންތަކުގެ އަޑު އިވިގެން އިދާރާތަކަށް ރިޕޯޓްކޮށްފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

މި މިސައިލްތައް އަމާޒަށް ވާސިލުވުމުގެ ކުރީން، ސައުދީގެ އަސްކަރީ ބާރުތަކުން ވަނީ ހަމަލާތައް ނާކާމިޔާބު ކޮށްލާފައެވެ.

މި ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު، ހަމަލާ ފޮނުވާލާފައި މިވަނީ މީގެ ދެ ދުވަސް ކުރިން ސައުދީ އޮސްވެ އޮންނަ އަރަބް ކޯލިޝަނުން ހޫތީ ހަނގުރާމަވެރިންގެ ޑްރޯންތަކެއް ވައްޓާލާފައި ވަނިކޮށެވެ. ސައުދީ އަސްކަރިއްޔާއިން އެ ޑްރޯންތައް ވައްޓާލާފައި ވަނީ އެޤައުމުގެ ދެ ސިޓީއެއްގެ މަތިން ދަތުރުކުރަމުން ދަނިކޮށެވެ.

އެހެންކަމުން މިރޭ ސައުދީ އަށް ދޭން މަސައްކަތްކުރި މިސައިލް ހަމަލާތައް ފޮނުވާލީ ހޫތީ ހަނގުރާމަވެރިން ކަމަށް ބެލެވެއެވެ.

ޔަމަން އާއި ސައުދީގެ ސަރަޙައްދީރޮނގު ގުޅޭ ސަރަޙައްދުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިންނާއި އަރަބް ކޯލިޝަންގެ ސިފައިންނާއި ދެމެދު ކުރިމަތިލުންތައް ހިނގާތާ އަހަރުތަކެއް ވަނީ ފާއިތުވެގޮސްފައެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެމަތީން ހޫތީ ހަނގުރާމަވެރިން ސައުދީގެ އެކި ހިސާބުތަކަށް މިފަދަ ހަމަލާތައް ދިނުމަށް މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ސައުދީ އަސްކަރިއްޔާއިން ދަނީ އެފަދަ ހަމަލާތައް ހުއްޓުވައި ނާކާމިޔާބު ކުރަމުންނެވެ.

ހޫތީ ހަނގުރާމަވެރިންގެ ހަމަލާތަކާއި ގުޅިގެން ކުރިޔަށް އޮތްތަނުގައި ބޭނުންކުރުމަށް ސައުދީން ދަނީ "ކައުންޓަރ ޑްރޯން ސިސްޓަމް" އެއް ޤާއިމްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ސިސްޓަމް ޤާއިމް ކުރެވުމުން ސައުދީގެ ވައިގެ ސަރަޙައްދަށް ވަންނަ ޑްރޯންތަކާއި އެޤައުމަށް އަމާޒުކޮށް ފޮނުވާލާ ހަމަލާތައް ނާކާމިޔާބުކޮށްލުމަށް ފަސޭހަ ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދޮގު

    ކޮންދޮގެ އްހަދާކަށް ހޫތީންވަނީ އެއެތަ އްފަހަރެ އްގެ މަތީން ސަ އޫދީ އަށްހަމަލަ ސީދާ އަރުވާފަ އޭގެތެރޭގަ އަބާގެ އެ އާޕޯޓް އެންމެބޮޑުތެޔޮކުންފުނި އެރަމްކޯހިމެނޭ. އެމަރިކާގެސިސްޓަމް ޕެޓްރި އޮޓް އަދި ތާޑް ފޫ އަޅުވާފަ

    4
    3
  2. ޖުމުހޫރީ މައިދާނުން

    ސައޫދީއަށް ހަމަލާ ދޭބަޔަކީ އަަރެމެންގެ ދުޝްމަނުން.

    9
    4
    • ކޮއްކޮ

      ސަ އޫދީ އަކީ އެމަރިކާ އާ އީ އިސްރާ އީލުގެ ރަހުމަތްތެރި އެ އް ސަ އްދާމްގެ ހަނގުރާމަ ގަ އިއީ އިރާގާ އް ހަމަލާދޭން ދެވުނުހާ އެހީ އެ އް އެމަރިކާ އަށް ތިނުބަ އިސަ އޫދީގެ ސަރުކާރުން ދިން.. ސަ އްދާމް ސަ އޫދީ އަށް ހަމަލަދިނީ އެމަރިކާގެ ކޭމްޕްތަކަށް ހޫތީންވެސް ހަމަލާދެނީ އެމީހުންނަށްވެސް ސަ އޫދީން ހަމަލާދޭތީ

  3. ޒަވާޖް

    ޔަމަނުގެނިކަމެތި ރަ އްޔިތުންގެބޮލަށް ކޮންމެ ދުވަހަކު ޖެޓުތަކުން ތިނުލަފާ ސަ އޫދީން ދަނީ ބޮން އަޅާ މަރަމުން..ހޫތީން ރަ އްދުދީފި އްޔާ. ގޯސްވަނީ އެމީހުން..ފަލަސްތީނާ އް ޖަރީމާހިންގާ އިސްރާ އީލަ އް ރަ އްދުދޭން ހަމާސް އިން ރޮކެޓެ އްފުނުވަ އިފި އްޔާ ނުބަ އިވަނީ އެމީހުން...