ފްރާންސުން ކޮވިޑް-19 ޖެހިގެން މިއަދު ވެސް 418 މީހުން މަރުވެއްޖެވެ. މިއަދަކީ މިހާތަނަށް ކޮވިޑް-19 ޖެހިގެން ފްރާންސުން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

މީގެ ކުރިން ފްރާންސުން އެންމެ ގިނަ މީހުން މަރުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެދުވަހު 365 މީހުން މަރުވިއެވެ. ދެން އެންމެ ގިނަ މީހުން މަރުވީ ހޮނިހިރު ދުވަހު އެވެ. އެދުވަހު 319 މީހުން މަރުވިއެވެ.

މިހާތަނަށް ފްރާންސުން މަރުވި މީހުންގެ އަދަދު 3024 އަށް އަރައެވެ.

މިއަދު ފްރާންސުން އިތުރު 4376 މީހުން ފައްސި (ޕޮޒިޓިވް) ވިއެވެ. މިހާތަނަށް އެގައުމުން 44550 މީހުން ވަނީ ފައްސިވެފައެވެ. މިހާތަނަށް 7927 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. ފްރާންސްގައި ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން 5056 މީހުންގެ ހާލު ސީރިއަސްއެވެ. ހާލު ސީރިއަސް މީހުން ދެވަނަ އަށް އެންމެ ގިނަ ގައުމަކީ ފްރާންސެވެ.

މިއަދަކީ ދެވަނަ އަށް އެންމެ ގިނަ މީހުން ފްރާންސުން ފައްސިވި ދުވަހެވެ. އެންމެ ގިނަ މީހުން ފައްސިވީ ހޮނިހިރު ދުވަހު އެވެ. ހޮނިހިރު ދުވަހު 4611 މީހުން ފައްސިވިއެވެ. މިއަދު ގިނަ ބަޔަކު ފައްސިވެފައި މިވަނީ އިއްޔެ ފައްސިވި މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވުމަށްފަހު އެވެ. އިއްޔެ ފްރާންސުން ފައްސިވީ 2599 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު