ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ލަންކާއިން ފައްސި (ޕޮޒިޓިވް) ވީ މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ލަންކާއިން އިތުރު މީހަކު މި ބަލީގައި މަރުވުމާއި ގުޅިގެން މިހާރު މި ބަލީގައި އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 5 އަށް އަރާފައެވެ.

ލަންކާއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެފައިވާކަން، ނޫސްތަކުގައި އެޤައުމުގެ ހެލްތް ސާވިސްގެ ޑިރެކްޓަރ ޖެނެރަލް، ޑރ. އަނިލް ކަށަވަރުކޮށްދީފައި ވާއިރު، އޭނާ ވިދާޅުވީ މަރުވީ އުމުރުން 44 އަހަރުގެ މީހެއް ކަމަށެވެ.

ލަންކާގެ ހޯމާގަމައަށް ނިސްބަތްވާ އެމީހާ އަކީ ނިމިދިޔަ މާރިޗު މަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ މީހެކެވެ. އޭނާގެ ހާލު އޭގެ ފަހުން ގޯސްވުމާއި ގުޅިގެން މާރިޗު 26 ވަނަ ދުވަހު ވަނީ އައިސީޔޫއަށް ބަދަލުކޮށްފައެވެ.

ލަންކާގެ އިދާރާތަކާއި ހަވާލާދީ ނޫސްތައް ބުނީ، ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވި ފަސްވަނަ މީހާއަކީ، ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ އެއް ޤައުމު ކަމަށްވާ އިޓަލީގެ ކަރަންޓީނު ފެސިލިޓީއަކުން އެނބުރި ޤައުމަށްދިޔަ މީހެކެވެ.

ކޮވިޑް-19 ގެ ނުރައްކާ ލަންކާއަށް ވެސް ބޮޑުވެފައިވާއިރު، އެޤައުމުން މިހާތަނަށް ޖުމްލަ 159 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް 24 މީހަކު ރަނގަޅުވެފައި ވާއިރު، ފަސް މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

ލަންކާ ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 205 ޤައުމަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ޤައުމުތަކުން މިހާތަނަށް މި ވައިރަސް އަށް ފައްސިވީ މީހުންގެ އަދަދު 1.1 މިލިއަނާއި ގާތްކުރާއިރު، މި ބަލީގައި ދުނިޔެއިން މަރުވި މީހުންގެ އަދަދު 59193 އަށް އަރައެވެ.

ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ކޮވިޑް-19 އަށް ފައްސިވުމަށްފަހު މިހާތަނަށް ބަލިން ރަނގަޅުވީ 228938 މީހުންނެވެ. މި ވައިރަސް އަށް އަދި ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު