ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1.1 މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ދުނިޔެއިން 1117860 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް އައްސަތޭކަ ފަސްދޮޅަސް) މީހަކަށް މި ވައިރަސް ޖެހިފައި ވެއެވެ.

ކޮންޓްރޯލްނުވެ މި ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާއިރު މިހާތަނަށް ދުނިޔޭގެ 205 ޤައުމަކުން ވައިރަސް ފެނިފައި ވެއެވެ.

އިއްޔެ އެކަނިވެސް ޤައުމުތަކުން މި ވައިރަސްއަށް ލައްކައަކަށްވުރެ ގިނަ މީހުން ފައްސިވެފައި ވާއިރު، މިހާރު އެންމެ ހަލުވިކަމާއެކު ވައިރަސް ފެތުރެމުން ދަނީ އެމެރިކާގައެވެ. އެޤައުމުން އިއްޔެ އެކަނިވެސް 32284 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. އެޤައުމުން މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ އަދަދު 277475 އަށް އަރައެވެ.

މިހާތަނަށް ކޮވިޑް-19 ޖެހިގެން ދުނިޔެއިން ޖުމްލަ 59203 މީހަކު ވަނީ މަރުވެފައެވެ. މި ވައިރަސް ޖެހިގެން މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި އިޓަލީ އޮތްއިރު އެޤައުމުން އެކަނިވެސް 14581 މީހަކު މިހާތަނަށް މަރުވެފައި ވެއެވެ. ދެވަނައަށް އެންމެ ގިނަ ބަޔަކު މި ވައިރަސްގައި މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 7402 މީހަކު ބަލީގައި މަރުވެފައި ވެއެވެ.

ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވީ ސްޕެއިން އިންނެވެ. އެޤައުމުން މިހާތަނަށް 1275 މީހަކު މަރުވެފައިވާއިރު، ސްޕެއިން އަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވި ޤައުމުވެސް މެއެވެ. މިހާތަނަށް ސްޕެއިން އިން ޖުމްލަ 119199 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ބޮޑުވެފައިވާއިރު، ނިސްބަތުން މި ވައިރަސް ޖެހުމަށްފަހު ރަނގަޅުވާ މީހުންގެ އަދަދު މަދެއެވެ. މިހާތަނަށް ވައިރަސްޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 228990 މީހުންނެވެ. މި ވައިރަސް ޖެހިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން 39391 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮވިޑް-19 އަށް މިހާތަނަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައެއް ނުވެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ވެސް ދުނިޔެއަށް ކުރިމަތިވި މިފަދަ އެންމެ ބޮޑު ނުރައްކަލެވެ. މި ވައިރަސްގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ވަނީ މުޅި ދުނިޔެއަށް ސިއްޙީ ނުރައްކަލުގެ ހާލަތުވެސް އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޯކާބެ

    At least 140 employees at one hospital alone, Brigham and Women’s in Boston, tested positive for coronavirus as workers around the country work tirelessly to help COVID-19 patients

  2. ސޯކާބެ

    New York sees over 500 deaths in 24 hours as healthcare workers protest equipment shortage, CDC recommends Americans wear non-medical cloth masks as U.S. coronavirus cases top 270,000, and sailors cheer Navy captain relieved of command after raising alarm on coronavirus