ސްޕެއިންގައި ކޮވިޑް-19 ޖެހިގެން އިތުރު 809 މީހުން މަރުވެއްޖެއެވެ.

މިއީ އިއްޔެ އެ ގައުމުން މަރުވި މީހުންނާ އަޅާ ބަލާ އިރު، މަދު އަދަދެކެވެ. އިއްޔެ އެ ގައުމުގައި ބަލި ޖެހިގެން މަރުވީ 932 މީހުންނެވެ.

އެ ގައުމުން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 11،744 އަށް އަރައިފައެވެ. އިތުރު 7،026 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 124,736 އަށް އަރައިފައެވެ. ސްޕެއިންއަކީ މި ބަލި އެންމެ ވަރުގަދަ އަށް ފެތުރެމުން އަންނަ އެއް ގައުމެވެ.

ސްޕެއިންއަކީ އެމެރިކާ ނެގުމަށް ފަހު، އެންމެ ގިނަ މީހުން ފައްސި (ޕޮޒިޓިވް) ވި ގައުމެވެ. އެ ގައުމުން މިހާތަނަށް ބަލި ޖެހިގެން ރަނގަޅުވީ 34,319 މީހުންނެވެ.

އެ ގައުމުގައި 6،416 މީހުން ސީރިއަސް ހާލަތުގައި އެބަތިއްބެވެ. ސްޕެއިނަކީ ދެ ވަނަ އަށް އެންމެ ގިނަ ސީރިއަސް މީހުން ތިބި ގައުމެވެ.

ކޮވިޑް-19 އަށް ލައްކައަކަށްވުރެ ގިނަ މީހުން ފައްސި (ޕޮޒިޓިވް) ވެފައިވާ ތިން ގައުމުގެ ތެރޭގައި ސްޕެއިން ހިމެނެއެވެ. ސްޕެއިންގެ އިތުރުން އެމެރިކާ އާއި އިޓަލީންވެސް ވަނީ ލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ޔޫރަޕްގެ ހުރިހާ ބޯޑަރުތަކެއްވެސް ބަންދު ކުރަން ނިންމާފައި ވާއިރު، ޔޫރަޕްގެ ގިނަ ގައުމުތަކަކުން ދަނީ ގައުމު ފުރަބަންދު (ލޮކްޑައުން) ވެސް ކުރަމުންނެވެ.

ޗައިނާގެ ވުހާން ސިޓީން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފެނިފައިވާ މި ވައިރަސް މިހާތަނަށް ދުނިޔޭގެ 205 ގައުމަކާއި ހިސާބަކަށް ފެތުރިފައިވާއިރު މި ބަލި ޖެހިގެން މިލިއަނަކަށްތުރެ ގިނަ މީހުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި 60,115 މީހަކު މަރުވެފައިވާއިރު، 234,023 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.