ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އަށް އެމެރިކާއިން ފައްސިވި (ޕޮޒިޓިވް) މީހުންގެ އަދަދު 300،000 އަށް އަރައިފިއެވެ.

މިއީ ކޮވިޑް-19 އަށް މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވި ގައުމެވެ. މިއަދުގެ މިހާތަނަށް 22،987 މީހުން އެގައުމުން އެކަނި ވަނީ ފައްސިވެފައެވެ. އަދި 737 މީހުން މިއަދު އެކަނި އެގައުމުން މި ބަލީގައި މަރުވެފައެވެ.

މި ބަލި އެންމެ ބޮޑަށް ޔޫރަޕްގެ ދެން ފެތުރުނު އަނެއް ދެ ގައުމަކީ އިޓަލީއާ ސްޕެއިންއެވެ. ނަމަވެސް އެ ދެ ގައުމުން ފައްސިވި މީހުންގެ އަދަދާއި އަޅާ ބަލާއިރު އެމެރިކާގައި މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ބޮޑުތަނުން ތަފާތެވެ. ސްޕެއިންގައި މި ބައްޔަށް 124،736 މީހަކު ފައްސިވެފައިވާއިރު އިޓަލީގައި މި ބައްޔަށް 124،632 މީހަކު މި ބައްޔަށް ވަނީ ފައްސިވެފައެވެ.

އެމެރިކާއަކީ ސްޕެއިން އަދި އިޓަލީއަށްފަހު އެންމެ ގިނަ މީހުން މިހާތަނަށް މި ބަލީގައި މަރުވި ގައުމެވެ. ނަމަވެސް މިހާރު އެގައުމުން މީހުން މަރުވަމުންދާ ރޭޓަށް ބަލާއިރު އެންމެ ގިނަ މީހުން މަރުވާ ގައުމަކަށް އެމެރިކާވުން ގާތެވެ. އެގޮތުން މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވި ގައުމަކަށްވެސް ވެފައިވަނީ އެމެރިކާއެވެ. އެއީ އިއްޔެއެވެ. އެގޮތުން އިއްޔެ އެގައުމުން ވަނީ 1،328 މީހުން މި ބަލީގެ ސަބަބުން މަރުވެފައެވެ. އޭގެ ކުރީގެ ތިން ދުވަހުވެސް 900އަށްވުރެ ގިނަ މީހުން އެގައުމުން ވަނީ މަރުވެފައެވެ.

އެމެރިކާއިން މި ބައްޔަށް އިއްޔެ އެކަނިވެސް 32،284 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު ފާއިތުވި ފަސް ދުވަހުގެ ތެރޭގައި 20،000 އަށްވުރެ ގިނަ މީހުން އެމެރިކާއިން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެގައުމުގެ ނިއުޔޯކް ސިޓީން އެކަނިވެސް 113،704 މީހަކު ވަނީ ފައްސިވެފައެވެ. އަދި އެ ސިޓީން އެކަނިވެސް 3،565 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަމްދު

    އެމެތިކާގެ ރައީސް ޖޯޖު ޑަބްލިއު ބުޝް އާއި އެހެނިހެން ވެރިން މުސްލިމުން މެރި އަދަދި މީގެ ސަތޭކަ ގުނައަށްވުރެ ބޮޑު އަދި ދިން ގެއްލުން ފޫނުބެއްދޭވަރަށް ބޮޑު. ﷲ ކަންކަން މެދުވެރި ކުރައްވާނީ ބެލެންސް ގެނައުމަށް.

    އަހަރެން ހީކުރީ ލާދީނީ ސަރުކާރު އައިމަ ޓުރިޒަމް ރަނގަޅުވާނޭ ކަމަށް. ނަމަވެސް ﷲ އެންމެ މޮޅަށް ދެނެވޮޑިގަންނަވާނީ. މި ސަރުކރު އައީ ލާދީނީއްޔަރު ފަތުރަން. އދި ލާދީނީ މީހުންނަށް "ބަދަލު" ދިނުމުގެ ނަމުގައި ރައްޔިތިން ގެ ލާރިގަނޑު ބަހަން. އަދި ﷲ ވަނީ އެމީހުން ބަލިކަށި ކޮށްލާފަ.