ދުނިޔޭގެ ހުރިހާ ގައުމަކަށް އަސަރު ކޮށްފައިވާ ނުރައްކާތެރި ކޮވިޑް-19ގެ ސަބަބުން ނެދަލޭންޑުން އަނެއްކާވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ އެ ގައުމުން މަރުވި 115 މީހުންނާއި އެކު ނެދަލޭންޑުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1،766 އަށް އިތުރުވެފައެެވެ.

އެގައުމުން އިއްޔެ 164 މީހަކު މި ބަލި ޖެހިގެން ވަނީ މަރުވެފައެވެ. މި ބަލި ޖެހިގެން އެގައުމުން އެންމެ ގިނަ މީހުން މަރުވެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހު އެގައުމުން މި ބަލި ޖެހިގެން 175 މީހަކު ވަނީ މަރުވެފައެވެ.

އެގައުމުން އިތުރު 1,224 މީހަކު މި ބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައިވާއިރު، ޖުމްލަ ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 17,851 އަށް އަރާފައެވެ.

މި ބަލި ޖެހިގެން އެގައުމުން މިހާތަނަށް 250 މީހަކު ރަނގަޅުވެފައިވާއިރު، 1,360 މީހެއްގެ ހާލު ދެރަވެގެން އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.

ނެދަލޭންޑުގައި ވައިރަހުގެ ޝިކާރަ އަކަށްވެ މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވި ނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދު މި މަހުގެ 27ން ފެށިގެން ދަނީ ދަށްވަމުންކަން ފާހަގަކޮށްލެވެއެވެ.

އެ ގައުމުގައި ވައިރަސް ފެތުރެން ފެށީ އިޓަލީ އަށް ޒިޔާރަތް ކޮށްފައި އެނބުރި ނެދަލޭންޑަށް ދިޔަ މީހެއްގެ ފަރާތުން ކަމުގައިވާއިރު، ވައިރަހުގެ ސަބަބުން އެންމެ ފުރަތަމަ އެ ގައުމުން މީހަކު މަރުވީ މިދިޔަ މާރިޗު މަހުގެ 6 ވަނަ ދުވަހުއެވެ.

ފަރުވާއެއް އަދި ހޯދިފައިނުވާ މި ވައިރަސް ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރިފައިވާއިރު، 3 ގައުމަކުން ފައްސިވި މީހުންގެ އަދަދު ވަނީ ލައްކައަކަށް އަރާފައެވެ. އެގޮތުން އެންމެ ގިނަ މީހުން ފައްސި ވެފައިވަނީ އެމެރިކާއިންނެވެ. އެމެރިކާ ދޫކޮށް އެންމެ ގިނަ މީހުން ފައްސި ވެފައިވަނީ ސްޕެއިން އިނެވެ. އޭގެ ފަހުން އޮތީ އިޓަލީއެވެ.

 

ކިޔުންތެރިންގެ ހިޔާލު