ކޮވިޑް-19 ޖެހިގެން ފާއިތުވި ދުވަސްތަކުގައި އިޓަލީވިލާތުން މަރުވި މީހުންގެ އަދަދާއި ބަލާއިރު މިއަދު މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެއްޖެއެވެ. ނަމަވެސް މިއަދުވެސް 525 މީހުން އެގައުމުން މަރުވިއެވެ.

އިޓަލީވިލާތުން މިއަދު މަރުވި މީހުންނާއި އެކު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 15887 އަށް އަރާފައެވެ. މިއަދު އިތުރު 4316 މީހަކު އެގައުމުން ފައްސި (ޕޮޒިޓިވް) ވިއެވެ. އިޓަލީވިލާތުން ފައްސިވި މީހުންގެ ޖުމްލަ މިހާރު ވަނީ 128948 އަށް އަރާފައެވެ.

މިއަދަކީ ފާއިތުވި 17 ދުވަސް ތެރޭގައި އިޓަލީވިލާތުން އެންމެ މަދުން މީހުން މަރުވި ދުވަހެވެ. އަދި ފާއިތުވި ފަސް ދުވަސް ތެރޭގައި އެންމެ މަދުން މީހުން ފައްސިވި ދުވަހެވެ.

މިހާތަނަށް އިޓަލީވިލާތުން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 21815 މީހުންނެވެ. މިހާރު ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން 3977 މީހެއްގެ ހާލު ސީރިއަސްއެވެ.

އިޓަލީވިލާތުގެ ސިވިލް ޕްރޮޓެކްޝަން ސާވިސްގެ ޗީފް އެންގެލޯ ބޮރެލީ މިއަދު ވަނީ މިއަދު ލިބުނީ ރަނގަޅު ޚަބަރެއް ކަމަށެވެ.

"މިއަދު ލިބުނީ ރަނގަޅު ޚަބަރެއް. ނަމަވެސް މިއީ ރައްކާތެރިކަމުގެ ގޮތުން އަޅުގަނޑުމެން އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލެވިގެން ވާނެ ކަމެއް ނޫން. އަދިވެސް ވަރުގަދަ ފިޔަވަޅުތައް ދަމަހައްޓަން ޖެހޭ." ބޮރެލީ ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި އެކު އިޓަލީވިލާތުގެ ސަރުކާރުން ފިޔަވަޅުތައް އެޅުން ލަސްވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެގައުމުގައި ބަލި ކޮންޓްރޯލް ކުރަން ދަތިތަކެއް ދިމާވުމެވެ. ގިނަ ބަޔަކު މަރުވާން ފެށުމުން އިޓަލީވިލާތް ފުރަބަންދު (ލޮކްޑައުން) ކުރީ މާޗް މަހުގެ 12 ވަނަ ދުވަހު އެވެ. މިހާރު މަރުވާ މީހުންގެ އަދަދާއި ބަލި ޖެހޭ މީހުންގެ އަދަދު މަދުވެގެން ގޮސްފައި ވަނީ ގައުމު ފުރަބަންދު ކުރުމުންނެވެ.

ނަމަވެސް އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަވަހަށް އުވާލައިފިނަމަ ބަލި ކޮންޓްރޯލުން ނައްޓާލައިގެން ދިއުމުގެ ބިރު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖީޒާ

    CongRats

    3
    1