ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1.3 މިލިއަނަށް އަރައިފިއެވެ.

މިހާރު ލިބިފައިވާ ތަފާސް ހިސާބަށް ބަލާއިރު 1315776 މީހުން ވަނީ މިހާރު ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 72711 މީހަކު ވަނީ މަރުވެފައެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވީ 275373 މީހުންނެވެ.

މިއަދު މިހާތަނަށް 42,914 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިހާތަނަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައި ވަނީ އެމެރިކާ އިންނެވެ. އެގައުމުން 350013 މީހަކު ވަނީ ފައްސިވެފައެވެ. ދެން އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ސްޕޭނުންނެވެ. ސްޕޭނުން 135032 މީހުން ފައްސިވެފައި ވެއެވެ. އިޓަލީވިލާތުން 132547 މީހަކު ފައްސިވެފައި ވާއިރު، ނިސްބަތުން އެންމެ މަދުން މީހުން މަރުވާ ޖަރުމަންވިލާތުން 101178 މީހަކު ވަނީ ފައްސިވެފައެވެ. ފްރާންސުން 92839 މީހުން ފައްސިވެފައި ވާއިރު އެންމެ ފުރަތަމަ ބަލި ފެނުނު ޗައިނާ އަކީ މިހާރު ހަވަނަ އަށް އެންމެ ގިނަ މީހުން ފައްސިވި ގައުމެވެ. ޗައިނާ އިން 81708 މީހަކު ވަނީ ފައްސިވެފައެވެ. ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު އަދިވެސް މަދު ނުވާ އީރާނުން ފައްސިވި މީހުންގެ އަދަދު 60500 އަށް މިހާރު އަރައެވެ.

އަދިވެސް އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުން އަންނަނީ އަދި އެންމެ ގިނަ ބަޔަކު މަރުވަމުން އަންނަނީ އެމެރިކާ އާއި ޔޫރަޕްގައެވެ. ބެލްޖިއަމް އާއި ނެދަލޭންޑްސްގެ ހާލަތު އަދިވެސް ފެންނަނީ ވަރަށް ނުރައްކާތެރިކޮށެވެ. ބެލްޖިއަމް އިން މިހާތަނަށް 20814 މީހަކު ފައްސިވެ 1632 މީހަކު ވަނީ މަރުވެފައެވެ. ނެދަލޭންޑްސް އިން 18803 މީހަކު ފައްސިވެ 1867 މީހަކު ވަނީ މަރުވެފައެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު އިންޑިއާ އާއި ޕާކިސްތާންގެ ހާލަތު ދަނީ ގޯސްވަމުންނެވެ. އިންޑިއާ އިން 4693 މީހުން ފައްސިވެފައި ވާއިރު ޕާކިސްތާނުން ވަނީ 3662 މީހުން ވަނީ ފައްސިވެފައެވެ. އިންޑިއާ އާއި ޕާކިސްތާނުން ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ގިނަ ގައުމުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ވީނަމަވެސް ބަލި ފެތުރުން އަދިވެސް މަދުވަމުންދާކަން ފާހަގައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު