ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ނޫން އެހެން ބަލިތަކަށް ފަރުވާދިނުމުގެ ގޮތުން ނިއުޔޯކުގެ ބަނދަރަކަށް ގެންދިޔަ އެމެރިކާ އަސްކަރިއްޔާގެ ހޮސްޕިޓަލް މަނަވަރު، "ޔޫއެސްއެންއެސް ކޮންފޯޓް" އިން ކޮވިޑް-19 ފެނިއްޖެއެވެ.

ނޫސްތައް ބުނާގޮތުން މި މަނަވަރުން ކޮވިޑް-19 ފެނިފައިވާކަން ޔަޤީންކުރެވުނީ، އޭގައި މަސައްކަތްކުރާ މުވައްޒަފެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުމާއި ގުޅިގެން ޓެސްޓު ކުރުމުން އޭނާ މި ވައިރަސް އަށް ފައްސިވިމުން ކަމަށެވެ.

މި މަނަވަރުގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެފައި މިވަނީ، މަނަވަރުން މި ބަލީގެ މީހުންނަށް ވެސް މިހާރު ފަރުވާ ދެވޭނެ ކަމަށް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ބުނެފައި ވަނިކޮށެވެ. އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވާއިރު، މަނަވަރުގައި މި ވައިރަސް ޖެހިގެން ކުރިން އިތުރު ބަޔަކަށް ފަރުވާދިން ކަމުގެ ޚަބަރުތައް ވެސް ފެތުރިފައި ވެއެވެ.

"ޔޫއެސްއެންއެސް ކޮންފޯޓް" ގެ މުވައްޒަފަކަށް ކޮވިޑް-19 ޖެހުމާއި ގުޅިގެން އޭނާ މިހާރު ވަނީ އެ މަނަވަރުގައި އައިސޮލޭޓް ކޮށްފައެވެ. އޭގައި މި ވައިރަސް ނޫން އެހެން ބަލިތަކަށް ފަރުވާކުރާ ގިނަ އަދަދެއްގެ ބަޔަކުވެސް ތިބިއިރު، އެމީހުން ތިބީ ވަކިން ކަމަށާއި، ވައިރަސް އަށް ފައްސިވި މުވައްޒަފާއި އެހެން ބަލި މީހަކާއި ބައްދަލުވެފައި ނުވާ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

މި ހާދިސާ އާއި ގުޅިގެން އެމެރިކާ ނޭވީގެ ތަރުޖަމާނަކު ނޫސްތަކުގައި ބުނެފައި ވަނީ، ހޮސްޕިޓަލް މަނަވަރުގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވިނަމަވެސް އެއިން ދެމުންދާ ޚިދުމަތްތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މަނަވަރުގެ މުވައްޒަފަކަށް ކޮވިޑް-19 ޖެހުމާއި ގުޅިގެން އަޅަންޖެހޭ ހުރިހައި ފިޔަވަޅެއް އަޅަމުން ގެންދާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ޖެހުނު "ޔޫއެސްއެންއެސް ކޮންފޯޓް" އާއި ބައްދަލުވި މީހުން ބަލައި އެމީހުން ވެސް އައިސޮލޭޓް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް އިތުރު މުވައްޒަފަކު މި ވައިރަސް އަށް ފައްސިވިކަމެއް އަދި އެނގިފައެއް ނުވެއެވެ.

މި ހޮސްޕިޓަލް މަނަވަރުން ކޮވިޑް-19 ފެނުމާއި ގުޅިގެން މަނަވަރު ދެބަޔަކަށް ބަހާލާފައިވާ ކަމަށާއި، އޭގެތެރެއިން އެއްބަޔަކީ ކޮވިޑް-19 ނޫން ބަލިތަކަށް ފަރުވާދޭ މީހުންނަށް ޚާއްސަ ބައެއް ކަމަށް އޮފިޝަލުން ބުނެއެވެ. އަދި އަނެއް ބައި ބޭނުންކުރާނީ ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި، އައިސޮލޭޝަންގައި މީހުން ބޭތިއްބުމަށް ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

އެމެރިކާއަކީ މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ފެނިފައިވާ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވި ޤައުމެވެ. މިހާތަނަށް އެޤައުމުން ޖުމްލަ 367719 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 10943 މީހަކު ވަނީ މަރުވެފައެވެ. އެމެރިކާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 19814 މީހެކެވެ. އަދި 8983 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު