ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން އިނގިރޭސިވިލާތުން އިތުރު 854 މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނިކޮށް މިއަދު ވެސް އިނގިރޭސިވިލާތުން ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާއިރު، އެޤައުމުން މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 6227 އަށް އަރާފައެވެ.

މިއަދު އެކަނިވެސް އިނގިރޭސިވިލާތުން 854 މީހަކު މަރުވެފައި ވާއިރު، މީގެ ކުރިން އެޤައުމުން މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އެދުވަހު އެޤައުމުން ކޮވިޑް-19 އަށް ފަރުވާކުރަމުން ދިޔަ 708 މީހަކު މަރުވެފައި ވެއެވެ.

އިނގިރޭސިވިލާތަކީ މިހާރު ދުނިޔޭގައި ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ޤައުމެވެ. އެޤައުމަކީ ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެވެ. އަދި މި ބަލީގައި ދުނިޔެއިން ފަސް ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކީވެސް އިނގިރޭސިވިލާތެވެ. މި ބަލި ފެތުރެމުންދާ މިންވަރާއި އަޅާބަލާއިރު ނިސްބަތުން އެޤައުމުގައި ބަލިން ރަނގަޅުވި މީހުންގެ އަދަދުވެސް މަދެވެ.

މިހާތަނަށް އެޤައުމުން 50000 އަށްވުރެ ގިނަ މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން ބަލިން ރަނގަޅުވީ 135 މީހުން ކަމަށް ވެއެވެ. އިނގިރޭސިވިލާތުގައި ކޮވިޑް-19 އަށް ފަރުވާކުރަމުންދާ މީހުންގެ ތެރެއިން 1559 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ އެ ގައުމުން ވައިރަހަށް ފައްސިވި މީހުންގެ އަދަދު 3،634ށް އަރާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 55،242ށް އިތުރުވެފައެވެ.

އިނގިރޭސިވިލާތަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުންދާއިރު، އެޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ މި ވައިރަސް އަށް ފައްސިވެފައެވެ. ގޭގައި ފަރުވާ ދެމުންދިޔަތާ ދުވަސްތަކެއް ވީއިރުވެސް ބަލި ފަސޭހަނުވެ އިތުރަށް ހާލު ގޯސްވުމާއި ގުޅިގެން މީގެ ދެދުވަސް ކުރިން ބޮރިސް ހޮސްޕިޓަލްގައި އެޑްމިޑްކޮށްފައި ވާއިރު، ރޭ ވަނީ އައިސީޔޫއަށް ބަދަލުކޮށްފައެވެ.

އިނގިރޭސިވިލާތް ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 209 ޤައުމަކުން ކޮވިޑް-19 ފެނިފައި ވެއެވެ. މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ވައިރަސް އަށް ފައްސިވި މީހުންގެ އަދަދު 1362200 އަށް އަރާއިރު، އޭގެތެރެއިން 76343 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން، ބަލިން ރަނގަޅުވީ 293733 މީހެކެވެ.