ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން އިތުރު 177 މީހަކު މަރުވެއްޖެ އެވެ. މިއީ އެޤައުމުން މިހާތަނަށް މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި އެޤައުމުން އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއެކު މިހާރު އެޤައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 4,349 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ އިދާރާތަކުން ބުނާގޮތުން އިންޑިއާގައި މިއަދު އެކަނިވެސް 5,843 މީހަކު ހިމެނޭހެން މިހާތަނަށް ޖުމްލަ 150,793 މީހަކަށް މި ބަލި ޖެހިފައި ވެއެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި މި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު އެޤައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން އަދި ރަނގަޅުވީ، 64,277 މީހުންނެވެ. އިންޑިއާގައި މި ބަލީގައި އަދިވެސް ގިނަ ބަޔަކަށް ފަރުވާދެމުންދާއިރު، އޭގެތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

އިންޑިއާއަކީ ދުނިޔެއިން 10 ވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައިވާ ޤައުމެވެ. އަދި ބަލީގައި ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދަނީވެސް އިންޑިއާގައެވެ. އެޤައުމަކީ ދެކުނު އޭޝިއާ ސަރަޙައްދުން އެންމެ ގިނަ ބަޔަކަށް ބަލި ޖެހި، މި ބަލީގެ ނުރައްކާ މި ސަރަޙައްދުން އެންމެ ބޮޑުވެފައިވާ ޤައުމުވެސް މެއެވެ.

އެންމެ ފުރަތަމަ އިންޑިއާއިން ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމުގައި މި ބަލީގެ ނުރައްކާ ބޮޑުވާން ފަށާފައި ވަނީ މިދިޔަ އޭޕްރިލް މަހުން ފެށިގެންނެވެ. އެއާއެކު އެޤައުމުން ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

އިންޑިއާ ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވެއެވެ. ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 5.6 މިލިއަންއަށްވުރެ އިތުރުވެފައިވާއިރު، މިހާތަނަށް އޭގެތެރެއިން 350,399 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު