ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ކޮށްފައި އޮތް އޮތުމަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމި ނަމަވެސް އަދި ސުކޫލްތައް ނުހުޅުވަން ނިންމައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ފުރަބަންދަށް ލުއިތަކެއް ދިން ނަމަވެސް ސްކޫލުތައް އަދި މި މުއްދަތުގައި ހުޅުވުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ނަމަވެސް ދެހަފްތާ ފަހުން ފިޔަވަޅުތަކަށް ބަދަލުތަކެއް ގެންނަން ވަނީ ނިންމާފައެވެ.

ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލްތައް ބަންދުކުރުން ނިމުމަކަށް ގެނެސް އެންމެ އަވަހަށް ވެސް ކިޔަވައިދޭން ފެށޭނީ އަންނަ މަހުގެ 14 ގައި ކަމަށް ސަރުކާރުން ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެންމެ އަވަހަށް ވެސް ސްކޫލްތައް ހުޅުވޭނީ ކުރިއަށް އޮތް ބަންދު ދުވަސްތަކަށް ފަހު ކަމަށެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމަށް ފަހު ސްކޫލްތައް ބަންދު ކުރާނީ މި މަހުގެ 31 ން އަންނަ މަހުގެ 11 އެވެ. އެ ބަންދަށް ފަހު ދެ ވަނަ ޓާމަށް ސްކޫލްތައް ހުޅުވަން ކަލަނޑަރުގައި ކަނޑައަޅާފައި ވަނީ އަންނަ މަހުގެ 14 އެވެ.

އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށަން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ތައުލީމީ ދާއިރާ އަށް ގެނައި ބޮޑެތި ބަދަލުތައް ހިއްސާކޮށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާން، އަންނަ އަހަރުގެ މެއި/ޖޫންގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    އަދިވެސް އޮޅުވާލުމުގަ. އެޑިޔުކޭޝަންގެ އެކަޑަމިކް ކަލަންޑަރުގަ ސްކޫލް ހުޅުވާގޮތައް އޭރުވެސް އިނީ 14 ޖޫން 2020. ތީގަ ތަފާތެއް މަށަކަށް ނުވިސްނުނު.

    19
    3
  2. ޓެލެކިލާސް

    ކީއްކުރަން ސުކޫލު ހުޅުވަންވީ. އޮންލައިން ކޮންނާ ޓީވީންނާ އެއޮއް ކިޔަވައި ދެނީނު. ކުދިން އެއުޅެނީ ދޭ ފިލާވަޅުތަކުން ސަކާމަތް ނުވެގެން. . މާރިޗް 19 އިން މިއަދާ ހަމަޔަށް 9ގަޑި އިރު ކިޔަވައިދީފިޔޭ. މަދުތަ؟ އެޑިއުކޭޝަނުން ތިކުރައްވާ ހިތްވަރަށް ސުކުރިއްޔާ. ސުކޫލްތަކަށް އައްސަރިބަހުން ސާބަސް. ޥަރަށް ވެދުން.