ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 1,180 މީހަކު މަރުވެއްޖެ އެވެ. މިއީ މިހާތަނަށް އެޤައުމުން އެއްދުވަހެއްގައި ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ފަހަރެވެ.

ބްރެޒިލް އިން މި ބަލީގައި މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއެކު، މިހާތަނަށް އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 27,944 އަށް އަރާފައެވެ.

ބްރެޒިލް އަށް ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެޤައުމުގައި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބްރެޒިލް އިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 29,526 މީހަކު ކޮވިޑް-19 އަށް އަލަށް ފައްސިވެފައި ވެއެވެ. މިއީ އެޤައުމުން މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވި ފަހަރެވެ.

މިއާއެކު ބްރެޒިލް އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 468,338 އަށް އަރާފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 193,181 މީހެކެވެ. އަދި 8,318 މީހަކަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ބްރެޒިލް އަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކު މަރުވެފައިވާ ޤައުމެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ދެމަހެއްހާ ދުވަސް ތެރޭގައި ދުވާލަކު އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހޭ އެމެރިކާއަށްވުރެ ދުވަހެއްގެ މައްޗަށް ބްރެޒިލް އިން ބަލި ޖެހޭ މީހުންގެ އަދަދު މިދިޔަ ތިން ދުވަހު ވަނީ އިތުރުވެގެން ގޮސްފައެވެ.