ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން އިތުރު 205 މީހަކު މަރުވެއްޖެ އެވެ. މިއީ މިހާތަނަށް އެޤައުމުން ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ފަހަރެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި އެޤައުމުން ގިނަ އަދަދަކަށް މި ބަލީގައި މީހުން މަރުވުމާއި އެކު، މިހާރު އެޤައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 5,185 އަށް އަރާފައެވެ.

މިހާތަނަށް އިންޑިއާއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވީ އިއްޔެ އެވެ. އެޤައުމުން އިއްޔެ އެކަނިވެސް 269 މީހަކު މަރުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ކޮވިޑް-19 ގެނުރައްކާ ބޮޑުވެ، ބަލި ފެތުރޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިދިޔަ 24 ގަޑިއިރަކީ އެޤައުމުގައި އެންމެ ގިނަ އަދަދަކަށް މީހުންނަށް އެއް ދުވަހެއްގެ ތެރޭގައި ބަލި ޖެހުނު ދުވަހެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ އެކަނިވެސް އިންޑިއާއިން 8,336 މީހަކު ހިމެނޭހެން މިހާތަނަށް ޖުމްލަ 181,827 މީހަކަށް އެޤައުމުން ބަލި ޖެހިފައި ވެއެވެ. އިންޑިއާއަކީ ދެކުނު އޭޝިއާ ސަރަޙައްދުން އެންމެ ގިނަ ބަޔަކު، އަދި ދުނިޔެއިން 9 ވަނައަށް މިހާރު އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ޤައުމަށް ވަނީ ވެފައެވެ.

ފާއިތުވެދިޔަ ދުވަސްތަކަށް ބަލާއިރު އިންޑިއާއަކީ މިހާރު ހަތަރުވަނައަށް އެންމެ ހަލުވިކަމާއެކު ބަލީގެ ވޭދަނަ (ކޭސް) އިތުރުވަމުން އަންނަ ޤައުމެވެ.

މިހާތަނަށް އެޤައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 86,936 މީހެކެވެ. އަދި ބައްޔަށް ފަރުވާދެމުންދާ މީހުންގެ ތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް އެވެ. އެޤައުމަކީ ބަލީގެ ނުރައްކާ އެންމެ ބޮޑު އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމެވެ. އެހެންކަމުން އެޤައުމުން މަރުވާ މީހުންގެ އަދަދު ކުރިޔަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު