އަވަށްޓެރި ސްރީލަންލާގައި އާއްމު ރައްޔިތުން ގައިދުރުކުރުމުގެ މިންގަނޑުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތަމުން ނުދާތީ އެ ގައުމަށް ކޮވިޑް-19 ގެ ދެވަނަ ރާޅެއް ނަގާފާނެކަމުގެ އިންޒާރު އެ ގައުމުގެ ޑޮކްޓަރުންގެ ޓީމަކުން ދީފިއެވެ.

ލަންކާ އަކީ ވައިރަސް ހުއްޓުވަން އެންމެ އަވަސް ފިޔަވަޅުތަކެއް އެޅި އެއް ގައުމު ކަމުގައިވާއިރު، ވައިރަސް ކޮންޓްރޯލް ކުރުމަށް ފަހުގައި އެ ގައުމުގައި އިއުލާން ކުރި ކާފިއުވެސް މިހާރު ވަނީ އުވާލާފައެވެ. މިހާރު ކާފިއު ހިންގަމުން އަންނަނީ ރޭގަނޑު 23:00 އިން ފެށިގެން ފަތިހު 05:00 އާއި ހަމައަށެވެ. އަދި ހަފްތާ އަކު އެއް ދުވަހު ހެން އެ ދުވަހު އެއްކޮށް ކާފިއު އިއުލާން ކުރެެއެވެ.

މިގޮތުން މިއަދު އެއްކޮށް ކާފިއު އިއުލާން ކޮށްފައި ވާއިރު، އެ ގައުމުގެ ސައިފަތް އުފައްދާ ފަރާތްތަކުގެ ޔޫނިއަން ލީޑަރެއް އަދި މިނިސްޓަރެއްވެސް ކަމުގައިވާ އަރުމުގަމް ތޮންޑަމަންގެ ޖަނާޒާ ވަނީ މިއަދު ބާއްވާފައެވެ. މިހާރުގެ ގަވާއިދުތައް އޮތް ގޮތުން ލަންކާގައި އަދި ޖަނާޒާތަކުގައި އާއްމުން ބައިވެރިވުމުގެ ހުއްދަ އެއް ނޯވެއެވެ. މިފަދަ ކަންކަމުގައި ބައިިވެރިވެވޭނީ އާއިލާގެވެސް ވަކި އަދަދެއްގެ ބަޔަކަށެވެ.

ނަމަވެސް، އެ ގައުމުގައި އެންމެ ފުޅާ ދާއިރާ އެއްގައި ސައިފަތް އުފައްދާ ނުވަރައެލިޔާގައި ތޮންޑަމަންގެ ޖަނާޒާ މިއަދު ބޭއްވުމާއި އެކު އެތައް ސަތޭކަ އާއްމު ރައްޔިތުންނެއް ވަނީ ކާފިއު އިއުލާން ކޮށްފައި އޮތް އިރުގައިވެސް ގައިދުރު ކުރުމުގެ މިންގަނޑުތަކަށްވެސް ބޯލެނބުމެއް ނެތި ޖަނާޒާގައި ބައިވެރިވެފައެވެ.

މިއާއިއެކު، ޑޮކްޓަރުންގެ ގްރޫޕަކުން ބުނެފައި ވަނީ މި ޖަނާޒާގެ ސަބަބުން މިހާރު މުޖުތަމައު ތެރޭ ވައިރަސް ފެތުރުން ހުއްޓުވިފައި އޮތް އޮތުން ނިމުމަކަށް އައިސް، އެ ގައުމުގައި ވައިރަހުގެ ދެވަނަ ރާޅެއް ނަގާފާނެ ކަމަށެވެ.

ޑޮކްޓަރުން މިކަމާއި މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައި ވާއިރު، އެފަރާތްތަކުން ބުނެފައި ވަނީ ގައިދުރުކުރުމުގެ މިންގަނޑުތަކަށް ބެލުމެއް ނެތި އުޅުމުން އަނެއްކާވެސް ވައިރަސް ފެތުރޭނެ ކަމަށާއި، އޭރުން އަނެއްކާވެސް އެގައުމުގައި ދިގު މުއްދަތަކަށް ކާފިއު ހިންގާނެ ކަމަށެވެ.

ލަންކާގައި މިހައިތަނަށް 1،620 މީހަކު ވައިރަހަށް ފައްސިވެފައި ވާއިރު، 10 މީހަކު ވަނީ މަރުވެފައެވެ. އެ ގައުމުން ފައްސިވި މީހުންގެ ތެރެއިން 781 މީހަކު މިހާރު ރަނގަޅުވެފައި ވާއިރު، މިހާރު ގިނައިން ފައްސިވަމުން އަންނަނީ އެ ގައުމުގެ ސިފައިންނާއި ޝައްކު ކުރެވިގެން ކަރަންޓީނު ފެސިލިޓީތަކަށް ގެންގޮސްފައި ތިބި މީހުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެކްޓިވިސްޓް

    ޢެކަމަކު ރާއްޖޭގެ އެއްބަޔަކުދަނީ ތި ކޯވިޑް 19 އިން މިރާއްޖޭގެ ރައްޔިތުންސަލާމަތްކުރުމަށް ރައްޔިތުންދެކެ ލޯބިވާ ސަރުކާރު ހިންގުމާއި ޙަވާލުވެ ހުންނެވި ރައީސް އިބޫޞޯލިހު އަޅުއްވާފައިވާފިޔަވަޅުގެ ޞަބަބުން މިރާއްޖޭގެ ރައްޔިތުންނާއި ތި ކޯވިޑް 19 ޖެހޭވަރުމަދުވެ މުޅިރާއްޖޭގެ ރައްޔިތުންނާއި އެެބަލިނުޖެހި މާގިނަދުވަސްވަމުންދާތީ އެކަމާއި އިންތިހާއަށް ނުރުހުންފާޅުކޮށް އަޅާފަހުރި ފިޔަވަޅުތައް އުވާނުލާފިނަމަ ރައީސް އިބޫޞޯލިހުގެ ސަރުކާރު ވައްޓާލާނެކަމަށް އިންޒާރުދެމުން