އެމެރިކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަޅު ނަސްލުގެ މީހަކު މަރާލުމާއި ގުޅިގެން ކުރިޔަށްދާ މުޒާހަރާ ހޫނުވެ، އެޤައުމުގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް ހުންނަ ސަރަޙައްދަށް މުޒާހަރާގެ ބައިވެރިން އެއްވުމާއި ގުޅިގެން، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަމިއްލަ ސަލާމަތަށްޓަކައި ގޭގައި މަޑުކުރަން އަންގައިފިއެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެފައިވާގޮތުން، ވައިޓް ހައުސްގެ މުވައްޒަފުން އެ ގަނޑުވަރު ހުންނަ ސަރަޙައްދަށްވެސް ނުދިޔުމަށް އަންގައި މިހާރު ވަނީ އީމެއިލް ފޮނުވާފައެވެ.

މި މުޒާހަރާގެ ބައިވެރިން މިއަދި ވައިޓް ހައުސް ކައިރިޔަށް އެއްވެ ނުރުހުން ފާޅުކުރަމުން ދާއިރު، މީގެ ދެ ދުވަސް ކުރިންވެސް އެ ސަރަޙައްދަށް ޖަމާވިއެވެ. އެދުވަހު ވައިޓް ހައުސް ވަނީ ލޮކްޑައުން ހާލަތަށް ގެނެސްފައެވެ.

މިއަދު އަނެއްކާވެސް މި ސަރަޙައްދަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވަމުން އަންނައިރު، އެފަރާތްތަކުން ދަނީ ސަލާމަތީ ބާރުތަކާއި ކުރިމަތިލަމުންނެވެ. މިގޮތުން މުޒާހަރާގެ ތެރެއިން ބޮޑެތި ހަމަނުޖެހުންތައް ހިނގައި ގިނަ ބަޔަކަށް އަނިޔާވެފައި ވެއެވެ.

ވައިޓް ހައުސް އަކީ އެމެރިކާގައި ރައްކާތެރިކަމުގެ ފިޔަވަޅު އެންމެ ވަރުގަދަކޮށްފައިވާ އެއް ގަނޑުވަރެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އާއިލާވެސް ދިރިއުޅޭ އަދި އެމެރިކާގެ ރައީސްގެ އޮފީން ހުންނަ އެ ގަނޑުވަރަށް މުޒާހަރާގެ ބައިވެރިންގެ ސަބަބުން ނުރައްކާ ކުރިމަތިވެފައި ވީނަމަވެސް އެކަމާއި ގުޅިގެން ރަސްމީ ފަރާތަކުން އަދި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ވައިޓް ހައުސް ކައިރިޔަށް މުޒާހަރާގެ ބައިވެރިން އެއްވާން ފެށުމާއި ގުޅިގެން ޓްރަމްޕް އިއްޔެ ބުނެފައިވަނީ، މުޒާހަރާ ހޫނުވެ މުޒާހަރާގެ ބައިވެރިން އެ ކަނޑުވަރު ހިމެނޭ ސަރަޙައްދާއި ވަކި ވަރަކަށްވުރެ ކައިރިވެއްޖެނަމަ ކުއްތާތަކެއް ފޮނުވައިގެން އެފަރާތްތަކަށް ހަމަލާދޭނެ ކަމަށެވެ. ޓްރަމްޕްގެ މި އިންޒާރާއި ގުޅިގެން މުޒާހަރާގެ ބައިވެރިން ވަނީ އިތުރަށް ރުޅިގަދަވެފައެވެ.

އެމެރިކާ ފުލުހުންނާއި ދެކޮޅަށް ކުރާ މި މުޒާހަރާ ދިގުލައިގެންގޮސް އެތައް ހާސް މީހުންނެއް މުޒާހަރާގައި ބައިވެރިވަމުން އަންނައިރު، މި މުޒާހަރާތައް ފެށިގެން އައީ، އެމެރިކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޖޯޖް ފްލޮއިޑް ނަމަކަށް ކިޔާ މީހަކަށް ފުލުހުން އަނިޔާކުރުމުން، އޭނާ މަރުވި މައްސަލަ ހޫނުވުމުންނެވެ.

ފްލޮއިޑް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ވައްޓާލުމަށްފަހު އޭނާ ކަރު މަތީގައި ފުލުހަކު ކަކޫ އަޅައިގެން އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. ފްލޮއިޑް މަރުވުމުން ގިނަ ބަޔަކު ވަނީ އެއަމަލު ހިންގި ފުލުހުންނާއި ދެކޮޅަށް ދައުވާ ކުރަން ގޮވާލާފައެވެ.

އެމެރިކާގައި ހާއްސަކޮށް ކަޅު ނަސްލުގެ މީހުން ފުލުހުންގެ ހަމަލާތަކުގައި މަރުވުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާއެއް ނުއުފުލައެވެ. ފްލޮއިޑްގެ މަރާއި ގުޅިގެން އެކަކު ހައްޔަރު ކުރި ނަމަވެސް އޭނާގެ މައްޗަށް ދައުވާކުރަން ނިންމިކަން އަދި އިއުލާނެއް ނުކުރެއެވެ.

އެމެރިކާގެ ގިނަ ބަޔަކު ވަނީ ފްލޮއިޑްގެ މަރު ކުށްވެރިކޮށްފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވެސް ހިމެނެއެވެ. ޓްރަމްޕްގެ ކުރިން އެމެރިކާގެ ރައީސްކަން އަދާކުރެއްވި އޮބާމާއަކީވެސް ކަޅު ނަސްލުގެ މީހެކެވެ.