ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން އިތުރު 259 މީހަކު މަރުވެއްޖެ އެވެ. މިއީ މިހާތަނަށް އެޤައުމުން ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ފަހަރެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި އެޤައުމުން އިތުރު 9,578 މީހަކަށް ކޮވިޑް-19 ޖެހިފައިވެއެވެ. މިއީ މިހާތަނަށް އިންޑިއާއިން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވި ފަހަރެވެ.

އިންޑިއާއިން ކޮވިޑް-19 އަށް އިތުރު އެތައް ހާސް ބަޔަކު ފައްސިވެ މިބަލީގައި އިތުރު ގިނަ ބަޔަކު މަރުވެފައި ވާއިރު، މިހާތަނަށް އެޤައުމުން 216,769 މީހަކަށް ބަލި ޖެހި، އޭގެތެރެއިން 6,088 މީހަކު ވަނީ މަރުވެފައެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނައިރު، ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން އަލަށް ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

އިންޑިއާއަކީ ދެކުނު އޭޝިއާ ސަރަޙައްދުން އެންމެ ގިނަ ބަޔަކު ފައްސިވެ، އަދި ދުނިޔެއިން ހަތްވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައިވާ ޤައުމުވެސް މެއެވެ. ފާއިތުވެދިޔަ ދުވަސްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާއަކީ މިހާރު ހަތަރުވަނައަށް އެންމެ ހަލުވިކަމާއެކު ބަލީގެ ވޭދަނަ (ކޭސް) އިތުރުވަމުން އަންނަ ޤައުމެވެ.

މިހާތަނަށް އެޤައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 104,071 މީހެކެވެ. އަދި ބައްޔަށް ފަރުވާދެމުންދާ މީހުންގެ ތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް އެވެ.

އެޤައުމަކީ ބަލީގެ ނުރައްކާ އެންމެ ބޮޑު އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމެވެ. އެހެންކަމުން އެޤައުމުން މަރުވާ މީހުންގެ އަދަދު ކުރިޔަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޮންބެ

    ޔާ ﷲ. އިންޑިޔާގެ މުސްލިމްރައްޔިތުން މިނުރައްކަލުން ސަލާމަތްކުރައްވާށި.

  2. Anonymous

    މުސްލިމުންގެ ތެރެއިން މަރުވާމީހުން ތީގަ ހިމަނާފައެއް ނުވާނެ. އެއީ މުސްލިމުންނަކީ އިންޑިއާގެ ރައްޔިތުކަން ނިގުޅައިގަންފައިވާ ބަޔަކަށްވާތީ!! އަޑި އިންޑިއާގެ ޑޮކްޓަރުން އަނގާފަވަނީ މުސްލިމުންގެ ތެރެއިން ކޮވިޑް އަށް ޕޮޒިޓިވް ވާ މީހުން މަރަން. މީ މިބައިމީހުންގެ ޙާލަތަކީ!!

    4
    1