ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ބްރެޒިލް އިން އިތުރު 27000 އަށްވުރެ ގިނަ މީހުން ފައްސިވެ، މި ބަލީގައި ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބްރެޒިލް އިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 27,312 މީހަކު ކޮވިޑް-19 އަށް އަލަށް ފައްސިވެފައި ވެއެވެ. މިއީ އެޤައުމުން ތިންވަނައަށް އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގައި މި ބައްޔަށް ފައްސިވީ ފަހަރެވެ.

ބްރެޒިލް އިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 1269 މީހަކު މަރުވެފައި ވެއެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި ބްރެޒިލް އިން އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ. މިއާއެކު އެޤައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 32,547 އަށް އަރާފައެވެ.

މިހާތަނަށް ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކީ ބްރެޒިލްއެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 583,980 މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.

ދުވަހެއް ދުވަހަކަށް ބްރެޒިލްގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނައިރު، ފަހަކަށް އައިސް އެޤައުމުން ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

އޮފިޝަލުން ބުނާގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލް އަށް މި ބަލީގެ ނުރައްކާ އަދިވެސް އިތުރުވެގެން ދާނެއެވެ. އެއީ އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނީ އަންނަ ޖުލައި މަހު ކަމަށް ލަފާކުރެވިފައިވާތީއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 266,132 މީހެކެވެ. އަދި 8,318 މީހަކަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

ބްރެޒިލް އަކީ އެމެރިކާ އާއި އިންޑިއާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ބްރެޒިލް އިން ކޮވިޑް-19 ގެ ވޭދަނައެއް އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ މާރިޗު 20 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 330 މީހަކު އެޤައުމުން ބައްޔަށް ފައްސިވެފައިވާކަން ހާމަވެފައި ވެއެވެ.

ބްރެޒިލް އަށް ކޮވިޑް-19 ނުރައްކާ ބޮޑުވަމުން މިދަނީ، މި ބަލީގެ ކުރީކޮޅު އެޤައުމުގެ ރައީސް ޖައިރު ބޮލްސެނާރޯ، އެޤައުމުގައި ބަލި ނުފެތުރޭނެ ކަމަށް ބުނެ ދުނިޔެ ކުރިމަތިލަމުން މިދާ ހާލަތަށް "ޖޯކު" ޖަހައި މަލާމާތްކޮށްފައި ވަނިކޮށެވެ. އޭނާ ބުނެފައިވަނީ ކޮވިޑް-19 އަކީ އާދައިގެ ރޯނގާއެއް ކަމަށެވެ. އެހެންކަމުން މި ބަލިން ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އެޅުމާއި އޭނާ ދެކޮޅެވެ.

އެހެން ޤައުމުތަކުން ކޮވިޑް-19 އަށް އަޅާ ފިޔަވަޅުތަކަށްވެސް ފާޑުކިޔަމުން ބޮލްސެނާރޯ ކުރިން ބުނެފައިވަނީ ބްރެޒިލްގެ ރައްޔިތުންނަކީ "ކޮވިޑް ފްރީ" ބައެއް ކަމަށެވެ. އެގޮތުން އެޤައުމުގެ ރައްޔިތުން ނަޖިސްފެން ދައުރުވާ ޖަންގްޝަނަކަށް ފައިބައި ތިބި ނަމަވެސް ބަލި ޖެހުމުގެ މާބޮޑު ފުރުސަތެއް ނޯންނާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝިހާމްބެ

    މިހާރު އެސޮރު ކީކޭބާ ބުނާނީ.. ޓްރަމްޕް އާ ޖެހުނު އަނެއް ބުރާންތި ތިޔަ ބޮލުސެނާރޯ އަކީ.. މިރަށުގަވެސް އެބައުޅެ އޭގެ ބުރާންޗެއް..