ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ބްރެޒިލް އިން ފައްސިވީ މީހުންގެ ޖުމްލަ އަދަދު ހަ ލައްކައަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ބްރެޒިލް އިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ، 606,085 އެވެ.

ބްރެޒިލް އިން ބައްޔަށް ފައްސިވީ މީހުންގެ އަދަދު މިރޭ ހަ ލައްކައަށް އަރާފައި ވާއިރު، އިއްޔެ ވެސް އެޤައުމުން ރެކޯޑް އަދަދަކަށް މީހުން ފައްސިވެފައި ވެއެވެ.

މިހާތަނަށް ބްރެޒިލް އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 33,464 މީހަކު ވަނީ މަރުވެފައެވެ. އެޤައުމަކީ ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު، ކޮވިޑް-19 ޖެހިގެން މަރުވި ޤައުމެވެ.

ކޮވިޑް-19 އަށް މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވެފައިވާ އެމެރިކާ ފިޔަވައި މި ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމަކީ ބްރެޒިލް އެވެ. އެޤައުމަކީ އެމެރިކާއަށްފަހު މިހާތަނަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ޤައުމެވެ.

އެމެރިކާ އާއި އިންޑިއާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދަނީވެސް ބްރެޒިލްގައެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ދުވަހެއް ދުވަހަކަށް ބްރެޒިލްގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނައިރު، ފަހަކަށް އައިސް އެޤައުމުން ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

އޮފިޝަލުން ބުނާގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލް އަށް މި ބަލީގެ ނުރައްކާ އަދިވެސް އިތުރުވެގެން ދާނެއެވެ. އެއީ އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނީ އަންނަ ޖުލައި މަހު ކަމަށް ލަފާކުރެވިފައިވާތީއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 266,132 މީހެއް ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެއެވެ. އަދި 8,318 މީހަކަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށްވެސް އެފަރާތްތަކުން ބުނެފައި ވެއެވެ.

ބްރެޒިލް އިން ކޮވިޑް-19 ގެ ވޭދަނައެއް އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ މާރިޗު 20 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 330 މީހަކު އެޤައުމުން ބައްޔަށް ފައްސިވެފައިވެއެވެ.