ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ބްރެޒިލް އިން އިތުރު 31000 އަށްވުރެ ގިނަ މީހުން ފައްސިވެ، މި ބަލީގައި އިތުރު 1492 މީހަކު މަރުވެއްޖެ އެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި އެޤައުމުން އެންމެ ގިނަ ބަޔަކު ފައްސިވެ، ކޮވިޑް-19 ޖެހިގެން އެއް ދުވަހެއްގައި އެޤައުމުން އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބްރެޒިލް އިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 31,890 މީހަކު ކޮވިޑް-19 އަށް އަލަށް ފައްސިވެފައި ވެއެވެ.

މިދިޔަ 24 ގަޑިއިރަށް ބަލާއިރު، ބްރެޒިލް އަކީ މުޅި ދުނިޔެއިންވެސް އެންމެ ގިނަ ބަޔަކަށް ބަލި ޖެހި، ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ބްރެޒިލް އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 615,870 އަށް އަރާފައެވެ. އަދި މި ބަލީގައި އެޤައުމުން މަރުވި މީހުންގެ އަދަދު ވަނީ 34,039 އަށް އަރާފައެވެ.

މިހާތަނަށް ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކީ ބްރެޒިލްއެވެ.

ދުވަހެއް ދުވަހަކަށް ބްރެޒިލްގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނައިރު، ފަހަކަށް އައިސް އެޤައުމުން ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

އޮފިޝަލުން ބުނާގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލް އަށް މި ބަލީގެ ނުރައްކާ އަދިވެސް އިތުރުވެގެން ދާނެއެވެ. އެއީ އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނީ އަންނަ ޖުލައި މަހު ކަމަށް ލަފާކުރެވިފައިވާތީއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 274,997 މީހެކެވެ. އަދި 8,318 މީހަކަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ. ބްރެޒިލް އަކީ އެމެރިކާ އާއި އިންޑިއާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ބްރެޒިލް އަށް ކޮވިޑް-19 ނުރައްކާ ބޮޑުވަމުން މިދަނީ، މި ބަލީގެ ކުރީކޮޅު އެޤައުމުގެ ރައީސް ޖައިރު ބޮލްސެނާރޯ، އެޤައުމުގައި ބަލި ނުފެތުރޭނެ ކަމަށް ބުނެ ދުނިޔެ ކުރިމަތިލަމުން މިދާ ހާލަތަށް "ޖޯކު" ޖަހައި މަލާމާތްކޮށްފައި ވަނިކޮށެވެ. އޭނާ ބުނެފައިވަނީ ކޮވިޑް-19 އަކީ އާދައިގެ ރޯނގާއެއް ކަމަށެވެ. އެހެންކަމުން މި ބަލިން ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އެޅުމާއި އޭނާ ދެކޮޅެވެ.

އެހެން ޤައުމުތަކުން ކޮވިޑް-19 އަށް އަޅާ ފިޔަވަޅުތަކަށްވެސް ފާޑުކިޔަމުން ބޮލްސެނާރޯ ކުރިން ބުނެފައިވަނީ ބްރެޒިލްގެ ރައްޔިތުންނަކީ "ކޮވިޑް ފްރީ" ބައެއް ކަމަށެވެ. އެގޮތުން އެޤައުމުގެ ރައްޔިތުން ނަޖިސްފެން ދައުރުވާ ޖަންގްޝަނަކަށް ފައިބައި ތިބި ނަމަވެސް ބަލި ޖެހުމުގެ މާބޮޑު ފުރުސަތެއް ނޯންނާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.