ދުނިޔޭގައި ކޮވިޑް-19 ފެތުރެން ފެށި ދުވަސްވަރު، ބަލީގެ ނުރައްކާ އެންމެ ބޮޑުވި އެއް ޤައުމު ކަމަށްވާ އިޓަލީއަށްވުރެ ގިނަ މީހުން އިންޑިއާއިން މި ބައްޔަށް ފައްސިވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާ މިހާރު ވަނީ ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކު ބަލި ޖެހުނު ޤައުމަކަށް ވެފައެވެ.

އިންޑިއާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު މިހާރު ވަނީ 236,060 އަށް އަރާފައެވެ. އިޓަލީން މި ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 234,531 އެވެ.

އިންޑިއާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު އިޓަލީއަށްވުރެ އިތުރުވެގެން ގޮސްފައި މިވަނީ، މި ބަލީގެ ނުރައްކާ އިންޑިއާއަށް ދުވަހެއް ދުވަހަކަށް އިތުވެ، ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ނަމަވެސް އިޓަލީން މިހާރު މި ބަލި ޖެހޭ މީހުންގެ އަދާއި މަރުވާ މީހުންގެ އަދަދު ވަނީ ފާއިތުވެދިޔަ ދުވަސްތަކާއި އަޅާބަލާއިރު ވަރަށް ބޮޑަށް މަދުވެފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް އިންޑިއާއިން އިތުރު 9,347 މީހަކު ކޮވިޑް-19 އަށް ފައްސިވެ މި ބަލީގައި އިތުރު 286 މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް އިޓަލީން އިއްޔެ ބައްޔަށް ފައްސިވެފައި ވަނީ 518 މީހެކެވެ. އެޤައުމުން މި ބަލީގައި އިއްޔެ މަރުވި މީހުންގެ އަދަދަކީ 85 އެވެ.

އިންޑިއާއަކީ މިހާރު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. އެޤައުމަކީ މިހާރު ދުނިޔެއިން ތިންވަނައަށް އެންމެ ހަލުވިކަމާއެކު ބަލި ފެތުރެމުންދާ، އަދި މި ބަލީގައި އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމެވެ.

މިހާތަނަށް އިންޑިއާއިން ކޮވިޑް-19 ޖެހިގެން ޖުމްލަ 6,649 މީހަކު ވަނީ މަރުވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 113,231 މީހަކު ރަނގަޅުވެފައި ވާއިރު، މިހާރު ފަރުވާދެމުން ދަނީ 116,180 މީހަކަށެވެ. އޭގެތެރެއި 8944 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު