އިނގިރޭސިވިލާތުން ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން މަރުވި މީހުންގެ އަދަދު ސާޅީސް ހާހަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެޤައުމުން މިހާތަނަށް މި ބަލީގައި މަރުވި މީހުން ޖުމްލަ އަދަދަކީ، 40,261 އެވެ.

އިނގިރޭސިވިލާތަކީ ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެމެރިކާއަށް ފަހު، މިބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ދުނިޔެއިން މިހާރު ފަސްވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ޤައުމެއްގެ ގޮތުގައި އޮތީ އިނގިރޭސިވިލާތެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 283,311 މީހަކަށް މި ބަލި ޖެހިފައި ވެއެވެ.

ފަހުގެ މަޢުލުމާތުތަކަށް ބަލާއިރު، އިނގިރޭސިވިލާތުން މިދިޔަ 24 ގަޑިއިރު ތެރޭ އެކަނިވެސް އިތުރު 1650 މީހަކަށް އަލަށް މި ބަލި ޖެހިފައި ވެއެވެ. އެއާއެކު އެޤައުމުން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދ ވަނީ 40261 އަށް އަރާފައެވެ.

އެޤައުމުން މި ބަލީގައި ގިނަ އަދަދެއްގެ ބަޔަކު މިހާތަނަށް މަރުވެފައި ވާއިރު، ފާއިތުވެދިޔަ ދުވަސްތަކާއި އަޅާ ބަލާއިރު އެޤައުމުން ބައްޔަށް ފައްސިވާ މީހުންނާއި މަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ދަށްވާން ފަށާފައެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހިގެން ފަރުވާދޭ މީހުންގެ ތެރެއިން 604 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.