ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 910 މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭ މަރުވި މީހުން ހިމެނޭހެން މިހާތަނަށް ބްރެޒިލް އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 35,957 އަށް އަރާފައެވެ.

ބްރެޒިލް އަށް ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެޤައުމުގައި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. އިއްޔެ މުޅި ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވެ، ކޮވިޑް-19 ގައި އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކީ ވެސް ބްރެޒިލް އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބްރެޒިލް އިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 27,581 މީހަކު ކޮވިޑް-19 އަށް އަލަށް ފައްސިވެފައި ވެއެވެ. މިއާއެކު ބްރެޒިލް އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 673,587 އަށް އަރާފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 302,084 މީހެކެވެ. އަދި 8,318 މީހަކަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ބްރެޒިލް އަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވެފައިވާ ޤައުމެވެ.

އޮފިޝަލުން ބުނާގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލް އަށް މި ބަލީގެ ނުރައްކާ އަދިވެސް އިތުރުވެގެން ދާނެއެވެ. އެއީ އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނީ އަންނަ ޖުލައި މަހު ކަމަށް ލަފާކުރެވިފައިވާތީއެވެ.

ބްރެޒިލް އިން ކޮވިޑް-19 ގެ ވޭދަނައެއް އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ މާރިޗު 20 ވަނަ ދުވަހުއެވެ.