ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމަކަށް އަވައްޓެރި އިންޑިއާ ވެއްޖެ އެވެ.

ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ޤައުމަކަށް އިންޑިއާ ވެފައި ވަނީ، ކުރިން ތިންވަނައަށް އޮތް ރަޝިޔާއަށްވުރެ ބަލީގެ ވޭދަނަ (ކޭސް) ތައް އިތުރުވުމުންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމަތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭވެސް އިތުރު އެތައް ހާސް ބަޔަކު ހިމެނޭހެން އިންޑިއާއިން މިހާތަނަށް ޖުމްލަ 697,836 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. ކުރިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ރަޝިޔާއިން ބައްޔަށް ފައްސިވެފައި ވަނީ 681,251 މީހެކެވެ.

ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ އިންޑިއާއިން މިހާތަނަށް ޖުމްލަ 19,700 ކޮވިޑަށް ފަރުވާކުރަމުން ދަނިކޮށް މަރުވެފައި ވެއެވެ. މިއާއެކު އެޤައުމު ވެފައި ވަނީ ދުނިޔެއިން އަށްވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ޤައުމަށެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާއިން ޖުމްލަ 424,891 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އޭގެތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭގައި ރަނގަޅުވި ކަމަށް ރެކޯޑް ކުރެވުނު 15,829 މީހަކުވެސް ހިމެނެއެވެ.

ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން އިންޑިއާގައި މިހާރު ފަރުވާދެމުންދަނީ 253,245 މީހަކަށެވެ. އޭގެތެރެއިން 8,944 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ. އެޤައުމަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ އަންނަ ނޮވެމްބަރު މަހު ކަމަށް ވަނީ ލަފާ ކުރެވިފައެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުވެވޭ ވަރަށް ފެތުރެނީ މިދިޔަ މޭއި މަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމަންޖެ

    އަދި ކެއްތެރިވޭ ޓުރަމްޕުވެސް ވައްޓާލާނެ.

  2. އައްޓަމަސް

    ޙަމްދުﷲ، ﷲއަށް ޝުކުރުގެ ސަޖިދައެއް ޖަހާނަން ތިކަމާއިމެދު އުފަލުން